ޕާޓީތަކުގެ ޤާނޫނަށް އިސްލާހުތަކެއް: މެމްބަރަކު ގާނޫނާ ޚިލާފު ވެއްޖެނަމަ، 1 ލައްކަ ރުފިޔާއިން ޕާޓީވެސް ޖޫރިމަނާ

ޕާޓީތަކުގެ ޤާނޫނަށް އިސްލާހުތަކެއް: މެމްބަރަކު ގާނޫނާ ޚިލާފު ވެއްޖެނަމަ، 1 ލައްކަ ރުފިޔާއިން ޕާޓީވެސް ޖޫރިމަނާ

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާއިން  ޖޫރިމަނާ ކުރެވޭ  ގޮތަށް ގާނޫނުއިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުުގައި މިހާރު އޮންނަނީ، ގާނޫނާ ޚިލާފުވާ މެންބަރަކު -/30,000 ރުފިޔާ އާއި -/75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެގޮތަށް ޖޫރިމަނާ ކުރުުމުގެ އިތުރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީވެސް ޖޫރިމަނާ ކުރުމެވެ. ޕާޓީ ޖޫރިމަނާ ކުރާ އަދަދު ކަމަށް އޮތީ 100،000 ރުފިޔާއެވެ.

އިންތިޚާބެއްގައި ވާދަކުރުމަށް ޕާޓީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރި މެންބަރަކަށް އެހެން ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮތް މާއްދާ އުނިކުރަންވެސް ބިލުގަައި ހިމަނާފައިވެއެވެ.

ޤާނޫގެ 10 ވަނަ މާއްދާގައި މިހާރު އޮންނަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ބިލްގައި ހުށަޅާފައި ވަނީ އެ މާއްދާ އުވާލުމަށެވެ.

މީގެއިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ. ގާނޫނުގައި މިހާރު އޮންނަނީ އެފައިސާއަކީ އަހަރީ ބަޖެޓްގެ، %0.1 އާއި %0.2 އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށެވެ. މީގެއިތުރުން ޕާޓީ ރަޖިސްްޓްރީ ކުރަން ހުށަހަޅާ ފޯމަށް ބަދަލުތަކެއް ގެންނަންވެސް މި ބިލުގަިއި ހިމަނާފައިވެއެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *