ސަޕްލިމެންޓަރީ ބަޖެޓް، ކޮމިޓީއަށް، ހޯމަ ދުވަހު ފާސްކުރުން

ސަޕްލިމެންޓަރީ ބަޖެޓް، ކޮމިޓީއަށް، ހޯމަ ދުވަހު ފާސްކުރުން

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވައިފިއެވެ.

އިއްޔެ ހެނދުނު 11:00 ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫޒާ ޒަމީރު ބަޖެޓް ހުށަހެޅުއްވުމާއެކު، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުން ދެން ކަން ކުރާނެ ގޮތެއް މަޖިލީހުގެ މިފަހަރުގެ ގަވާއިދުގައި ނެތުމުން އެކަމަށް ކަނޑައަޅާނެ ގޮތެއް ހުށަހެޅުމަށް މަޖިލިސް ރައީސް، މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ އިއްޔެ މެންދުރު 1:30 ގައި ބަޖެޓް ބަހުސް މަޖިލީހުގައި ފެށުމަށެވެ. އަދި އިބުތިދާއީ ބަހުސްގައި ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ފުރުސަތެއް ދެއްވުމަށްފަހު، ބަހުސް ނިމުމާއެކު ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ.

އަދި އެއް ދުވަހުގެ ތެރޭގައި ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވުމުން، ބަޖެޓް ރިޕޯޓަށް ވާހަކަ ދެއްކުމަށް ކޮންމެ މެންބަރަކަށް ދެ މިނެޓުގެ ފުރުސަތެއް ދިނުމަށްފަހު މަޖިލީހުން ބަޖެޓް ފާސް ކުރުމަށްވެސް ފަލާހު ހުށަހެޅުއްވިއެވެ.

ފަލާހުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އާއި މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްއެވެ.

އެގޮތަށް ފާސް ކުރުމުން އިއްޔެ މެންދުރާއި މެންދުރުފަހާއި ހަވީރާއެކު ބަޖެޓް ބަހުސް ކުރިއަށްގެންގޮސް ނިންމަވައިލެއްވިއެވެ.

އެހެން ކަމުން ބަޖެޓް ދިރާސާ ކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވުމަށްފަހު ޖަލްސާ ނިންމަވައިލެއްވިއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. ބަޖެޓާ މެދު މަޖިލިސް ތަޅުމުން ގޮތެއް ނިންމާނީ، މަޖިލީހުން ފާސްކޮށްފައިވާ އެއްދުވަހުގެ މުއްދަތުގެ ތެރޭގައި ކޮމިޓީން ބަޖެޓް ދިރާސާކޮށް، ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *