5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފިއެވެ.

ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. މިނިސްޓަރު ހުށަހެޅުއްވި، ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލައަކީ 5،119،508،129 (ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. މި ބަޖެޓުގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ.

ބަޖެޓް ބަޔާން މަޖިލީހަށް ހުށައަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަޕްލިމަންޓް ހުށައެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މިއަހަރުގެ ބަޖެޓުގައި ފުރިހަމައަށް ހިމެނުން ކަމަށެވެ.

މީގެ އިތުރުން ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަންޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގަން ޖެހުމާއި، ހަރަދު އިތުރުވާނެކަމަށް ބެލެވުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަރަދު ކުޑަކުރުމަށް ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަ ގަޑީގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މެޑިކަލް ކޮންސިއުމަބަލްސްގެ ހަރަދު އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ އިތުރުވުމާއި، އިންޑިރެކްޓް ސަބްސިޑީ ތަކަށް ކުރާ ހޭދަ އިތުރުވާނެ ކަމަށް ބެލެވުމާއި، މިއަހަރު ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން އިތުރު ދަރިވަރުންނަށް ލޯން ދޫކުރުމަށް ނިންމުންވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅަންޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ދެ ބިލިއަން ރުފިޔާ މި ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ ހިމަނއިފައެވެ. މިއީ ހުސްވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިންގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ ވެލިއު ކޮށްގެން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދުމަށް ހިމަނާފައިވާ ފައސާއެވެ.

ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް:

– ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ

– ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ

– ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ

– ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ

– މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ

– ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ

– ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ

– މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ

މި ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓް ލޯންތަކުންނާއި ރާއްޖޭގެ ފަރާތްތަކުން ލޯން ހޯދައިގެންނާއި ޓްރެޒަރީ ބިލު ވިއްކައިގެންކަމަށެވެ.

މިގޮތުން މި ސަޕްލިމެންޓަރި ބެޖެޓު ފައިނޭންސްކުރަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުން އެއްް ބިލިޔަން ރުފިޔާ އަދި ރާއްޖޭގެ ފަރާތްތަކުން ތިން ބިލިޔަން ރުފިޔާ ހޯދަންވަނީ ނިންމާފައެވެ.

މިނިސްޓަރު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓާއެކު، 2024 ވަނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަށް 55 ބިލިޔަން ރުފިޔާ އިތުރުވެ އަދި ސަޕްލިމެންޓަރީ ބަޖެޓުގެ އާމްދަނީ ހިމަނައިގެން އާމްދަނީ އާއި ހިލޭ އެހީގެގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 34 ބިލިއަން ރުފިޔާ ކަމަށެވެ.

މިއާއެކު ސަޕްލިމެންޓަރީ ބަޖެޓުގެ އޯވަރޯލް ޑެފިސިޓަކީ ހަތަރު ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ބަޖެތު ޑެފިސިޓް އަދި ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރު ވެގެންދާނީ 18 ބިލިޔަން ރުފިޔާކަމަށްވެސް ވިދާޅުވިއެވެ.

މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ. މިއާއެކު އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައކަމަށް ވެސް ވަނި ލަފާކޮށްފައެވެ.

މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ފާސްކޮށްފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *