އެކައުންޓުގައި ހުރި 1 މިލިޔަން ޑޮލަރު ޔާމީނަށް ދޫކުރެވޭކަށް ނެތް: އޭސީސީ

އެކައުންޓުގައި ހުރި 1 މިލިޔަން ޑޮލަރު ޔާމީނަށް ދޫކުރެވޭކަށް ނެތް: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވި އެސްކްރޯ އެކައުންޓަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ޔާމީން ހުޅުވާފައިވާ އެކައުންޓުން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީ އިން ޔާމީނަށް ދޫނުކުރެވޭނެ އޭސީސީ އިން ބުނެފިއެވެ.

އެ އެސްކްރޯ އެއްބަސްވުމުގައިވާ ގޮތުން އެކައުންޓް ހުޅުވާތާ އެއް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، ޔާމީންގެ އެކައުންޓަށް އަނބުރާ އެ ފައިސާ ޖަމާކޮށްދޭން ޖެހެއެވެ. އެ މުއްދަތު 10 ޖޫން 2019 އަށް ވަނީ ހަމަވެފައެވެ. އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ 10 ޖޫން 2018 ގައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުނުވާތީއާއި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާނުކޮށް ހިފެހެއްޓި މައްސަލައިގައި، އެ ފައިސާ ހޯއްދެއްވުމަށް އޭސީސީއާއި ބީއެމްއެލްއާ ދެކޮޅަށް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވިއެވެ.

ސިވިލް ކޯޓުގައި މި ދައުވާއަށް ޖަވާބުދާރީވަމުން ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ބީއެމްއެލް އިން އިޖުރާއީ ނުކުތާއެއް ނެގިއެވެ. ނަމަވެސް އެ އިޖުރާއީ ނުކުތާ ބަލައިނުގަނެ ސިވިލް ކޯޓުން ނިންމީ އޭސީސީގެ އިތުރުން ބީއެމްއެލްގެ މައްޗަށްވެސް ޔާމީނަށް ދައުވާ ކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ގާނޫނުތަކާ ހިލާފު ކަމަށްބުނެ ބީއެމްއެލް އިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އިއްޔެގެ އަޑުއެހުމަކީ ހައިކޯޓުގައި ބޭއްވި އެ މައްސަލައިގެ ތިންވަނަ އަޑުއެހުމެވެ. އިއްޔެގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ވަކީލު ވިދާޅުވީ، އެސްކްރޯ އެކައުންޓުގެ އެއްބަސްވުމަށް ބަލާ އިރު، އޭސީސީއަށް އޮންނަނީ، ގާނޫނީ އަދި ޝަރުއީ އޮނިގަނޑުގެ ތެރެއިން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާތޯ ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނޫންތޯ ބަލައި އެ ފައިސާ ހިފަހައްޓާފައި ބެހެއްޓުން ކަމަށެވެ.

އެ ފައިސާ ބަހައްޓާފައިވާ ޔާމީންގެ ފަރާތުންވެސް އެދިފައިވަނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *