އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ 2025 ވަނަ އަހަރަށް 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ހުށަހެޅި ގޮތަށް ފާސްކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޤާނޫނުއަސާސީ ބުނާ ގޮތުން ކުރިއަށް އޮތް ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސް ކުރަންޖެހެއެވެ.
އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 99.5 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 80.4 މިލިޔަން ރުފިޔާ އާއި ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 19 މިލިޔަން ރުފިޔާއެވެ.
ބަޖެޓް ހެދުމަށް އޮޑިޓް އޮފީހުން މާލީ ވުޒާރާގެ ލަފާ ހޯދާފައިވާއިރު އެ އޮފީހުން ވަނީ މުސާރަ ބޮޑު ކުރުމަށް ހިމަނާފައިވާ ބަޖެޓު މަދު ކުރުމަށް ލަފާ ދީފައެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމީ އެ ބަޖެޓު ކުޑަ ނުކުރުމަށެވެ.
މާލިއްޔަތު ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި މުސާރަ ކުޑަވުމުގެ ސަބަބުން ތަޖުރިބާ ހުރި އޮޑިޓަރުން ލިބުމުގައި ދަތިވާ ކަމުގެ ޝަކުވާ މީގެކުރިން އޮޑިޓް އޮފީހުން ވަނީ މަޖިލީހާ ހިއްސާ ކުރައްވާފައެވެ. އެހެންކަމުން، އެއީ މުސާރަ ބޮޑު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މާލީގޮތުން ދަތިކަން ނާންނަވަރުގެ ބަޖެޓެއް ފާސް ކުރަންޖެހޭ ކަމަށް މެންބަރުން ފާހަގަ ކުރެއްވިއެވެ.
މާލިއްޔަތު ކޮމިޓީގައި މެންބަރުން ވަނީ އޮޑިޓް އޮފީހުން ހުޅުމާލޭގައި އަޅާ އައު އިމާރާތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް މަޖިލީހުން މާލީ ވުޒާރާގެ ލަފަޔަށް ހުށަހެޅުމުން އެ އަދަދު 34 މިލިޔަން ރުފިޔާއަށް ހެދުމަށް ލަފާ ދެއްވައިފައެވެ. އޮޑިޓާޖެނެރަލް އޮފީހުގެ ބަޖެޓް 114 މިލިޔަން ރުފިޔާއަށް އަރަނީ އެ ބައި ހިމަނައިގެންނެވެ.