??????

އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު އަވަސް ކުރަން ގޮވާލި ކުއްލި މައްސަލައަށް ރިޔާސަތުން ފުރުޞަތެއް ނުދެއްވި

އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު އަވަސް ކުރަން ގޮވާލި ކުއްލި މައްސަލައަށް ރިޔާސަތުން ފުރުޞަތެއް ނުދެއްވި

ނަސްލެއް ނައްތާލުމަށް އަމާޒު ކޮށްގެން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލް ޕާސްޕޯޓް ރާއްޖޭގަައި މަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައި، އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގެ ޝަރުތުތައް ހަމަނުވާތީ، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ނުދެއްވައި ހުއްޓުވައިފިއެވެ.

އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދުގައި ބުނާ ކުއްލި މައްސަލައިގައި ހަމަވަންޖެހޭ ޝަރުތުތައް އެ ކުއްލި މައްސަލައިގައި ހަމަނުވާ ކަމަށެވެ. އެހެން ކަމުން އެ ކުއްލި މައްސަލަ މަޖިލިސް އަށް ހުށަހެޅުމުގެ ފުރުސަތު ނުދެއްވީ ކަމަށްވެސް ވިދާޅުވިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު" އަށް އިސްލާހު ގެންނަން މަޖިލީހަށް ބިލް ހުށަހެޅުއްވީ، އެމްޑީޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ގޮތަށް އެ ބިލް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ބިލް ފޮނުއްވިއެވެ.

ނަމަވެސް އޭގެ ފަހުން ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކޮމިޓީގައި ވަނީ ޕާކު ވެފައެވެ. ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީންވެސް ވަނީ ގޮވާލާފައެވެ.

އެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ސަބަބު އޮޅުން ފިލުވުމަށް މިދިޔަ އޮގަސްޓް މަހުވެސް ބިލް ހުށަހެޅުއްވި މެންބަރު މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެ މެންބަރު ފޮނުއްވި ސިޓީއަށް މަޖިލިސް ރައީސް ޖަވާބު ދެއްވައިފައި ނުވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ މި ކުއްލި މައްސަލަގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިސްނެންގެވުމާއެކު އެ ބިލްގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ވަނީ ގޮވާލައިފައެވެ.

އެ ބިލު އެހެން އޮއްވައި، ޤާނޫނ ުތަކަށް އިސްލާހު ގެނެސްގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން 2، ޖޫން 2024، ގައި ސަރުކާރުން އިއުލާން ކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *