ކައުންސިލަރުންގެ ކޮންފަރެންސަށް އިބޫ އާއި ޝާހިދު ކުޅުދުއްފުއްޓަށް

ކައުންސިލަރުންގެ ކޮންފަރެންސަށް އިބޫ އާއި ޝާހިދު ކުޅުދުއްފުއްޓަށް

މިއަދު ހދ. ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ ކައުންސިލަރުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި އެމްޑީީގެ އެންމެ އިސްއެޑްވައިޒަރު އިބްރާހީމް މުޙަންމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ފުރާވަޑައިގެންފިއެވެ.

ދެބޭފުޅުން އެކުގައި ކުޅުދުއްފުއްޓަށް ފުރާވަޑައިގަންނަވާ ފޮޓޯއާއެކު ޝާހިދު އެކްސްގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތައާރަފްކޮށް، އެ ނިޒާމުގެ ފައިދާ ރައްޔިތުންނަށް ލިބިދެވޭކަން ކަށަވަރުކޮށްދޭ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީގައި މިއަދު ފެށިގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި  މުހިންމު މަޝްވަރާ ތަކެއް ކުރެވިގެންދާނެ ކަމަށާއި، އެކަމުގައި ތަނަވަސް ޚިޔާލުތަކެއް ހުށަހެޅިގެންދާނެ ކަމަށެވެ.

‏"ދިވެހިރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތަޢާރަފްކޮށް، އެނިޒާމުގެ ފައިދާ ރައްޔިތުންނަށް ލިބިދެވޭކަން ކަށަވަރުކޮށްދޭ ޕާޓީއަކީ މިޕާޓީ. ކޮންފަރެންސްގައި މުހިއްމު މަޝްވަރާތަކެެއް ކުރެވި، ތަނަވަސް ޚިޔާލުތަކެއް ބަދަލުކުރެވޭނެ" ޝާހިދު ވިދާޅުވިއެވެ.

މިއަދު ކުޅުދުއްފުށީގައި ފަށާ ކައުންސިލަރުންގެ ކޮންފަރެންސަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނަށް ޚާއްސަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ނަމަކީ "ލާމަރުކަޒީ ގުޅުން" އެވެ.

އެމްޑީޕީ އިން ކައުންސިލަރުންގެ ކޮންފަރެންސެއް މިއަދު ބާއްވާއިރު، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހު ތަކެއް ގެނެސްފައެވެ. އޭގެތެރޭގައި ކައުންސިލް މެމްބަރުންގެ އަދަދު ވަނީ ކުރިޔަށްވުރެ މަދު ކުރަން ނިންމާފައެވެ. ލާމަރުކަޒީ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަކަށް އެމްޑީޕީން ބުނެފައި ވަނީ އެއީ ރަށްރަށުގެ ރައްޔިތުންނަށް ދޫކޮށްލި ބާރު އަލުން އަނބުރައި މާލެއަށް ޖަމާކޮށް، ލާމަރުކަޒީ ޤާނޫނުގެ ބާރު ކަނޑުވާލުމަށް ގެނައި އިސްލާހު ތަކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *