ދަތުރުގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް އަހުމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޔެލޯ ނޯޓިސް ނެރެނީ ގެއްލިގެން މީހަކު ހޯދުމަށެވެ. ތަސްލީމް ގެއްލުނީ ކ. ހުވަފެންފުށި ކައިރިއަށް ދަތުރުގޮސް އުޅެނިކޮށް، މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. މީގެކުރިން މި މައްސަލައިގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަސްލީމު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުންވެސް، ވަނީ އެމީހުން ދަތުރުދިޔަ "ފަސްގަނޑު" ހިމެނޭހެން، ކަނޑުގެވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގުނު ގޮތުގައި، ހުވަފެންފުށި ކައިރި "ފަސްގަނޑު" އަށް ދަތުރު ދިޔުމަށްޓަކައި، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 5:00 އާ 5:30 ދެމެދުގެ ވަގުތެއްގައި މާލޭ ދެކުނު ފަރާތު ޖެޓީއިން ފުރި ކަމަށެވެ. އަދި ތަސްލީމު ހިމެނޭހެން މި ދަތުރުގައި 25 މީހުން ދިޔަ ކަމަށްވެސް ތަހުގީގަށް އެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެތެރޭގައި ކުޑަ ދެ ކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ދަތުރަކީ މީހެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ކުރި ދަތުރެއް ކަމަށާއި ތަސްލީމު މި ދަތުރުގައި ބައިވެރިވީ ބެކްޑްރޮޕް އަދި ލައިޓިން ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތަސްލީމު ހިމެނޭ ގުރޫޕު ފަސްގަނޑަށް ދިޔައިރު އެތަނުގައި އެހެން ބަޔަކުވެސް ތިބި ކަމަށާއި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭ 12:00 އާ ހަމަޔަށް ތަސްލީމު އޭނާގެ ބައިވެރިންނާއެކު ހަރަކާތްތެރި ވެފައިވާކަން ނަގާފައިވާ ފޮޓޯ ތަކުންނާއި ވީޑިޔޯ ތަކުން ފެންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭގެ ފަހުން އޭނާ ޓެންޓުގައި ނިދާފައި އޮތްތަންވެސް ދަތުރުގެ ބައިވެރިން ނަގާފައިވާ ފޮޓޯ ތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އޮގްސްޓު 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތު ތަކުގައިވެސް ތަސްލީމު އޭނާ އާއެކު ދަތުރު ދިޔަ މީހުންނާއެކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިޔޯއިން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ތަސްލީމު ފަސްގަނޑުގަ ހުއްޓާ އެންމެ ފަހުން ފެނުނީ އެ ދުވަހުގެ ހެނދުނު 7:45 އަކާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތަސްލީމު މާލެ ދާން ބޭނުންވާ ކަމަށް ދަތުރުގެ ބައިވެރިން ގާތު ބުނެފައި އޮތުމުން އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު ފިނޮޅުން މާލެ ފުރި ލޯންޗުން ތަސްލީމު މާލެ ފުރުވާލުމަށް އޭނާ ހޯދަން ފެށި ކަމަށް ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކަމަކު އޭނާ ނުފެނުމުން އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ބެލުމަށް އާއިލާ އަށް ގުޅި ކަމަށްވެސް ބައިވެރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭނާ މާލެ އައިސްފައިނުވާ ކަމަށް އާޢިލާގެ ފަރާތުން ބުނެފައި ވާތީ އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ބައިވެރިން ވަނީ ބުނެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތަހުގީގު ތެރެއިން ތަސްލީމާއެކު ދަތުރު ދިޔަ މީހުންނާއި އޭގެކުރިން އެ ފަސްގަނޑަށް ދަތުރުދިޔަ 12 މީހުންނާ ސުވާލު ކޮށްފައިވާ ކަމަށާއި އަދި ތަސްލީމު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޭގެއިތުރުން ތަސްލީމާއި އިތުރު މީހުން ދަތުރު ދިޔުމަށް ބޭނުން ކުރި ދެ ލޯންޗެއްވެސް ބަލައި ފާސްކޮށް ތަސްލީމު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތައް ބަލައި އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއެއް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.