އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތައް އިންޑިޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސްގެ މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސާއި، ބޮޑު ވަޒީރާއި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެއެވެ. އެގޮތުން އިންޑިޔާގެ ދިއްލީ، އާގްރާ، މުންބާއި އަދި ބެންގަލޫރުގައި ރަސްމީ ބައްދަލު ކުރެއްވުންތައް ކުރިއަށް ގެންދަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ 5 ދުވަހުގެ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާނީ އިންޑިޔާ ސަރުކާރުގެ ފަރާތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ "ކޮޕް-28″ ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިޔާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފައެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިޔާގެ ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާ ބައްދަލު ކުރައްވައިފައެވެ.
ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ހުރިހާ ޤައުމަކާވެސް ބަދަހި ގުޅުމެއް ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.