މާލެ އާއި ހުޅުމާލޭ ގައި ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދު ތަކުގައި ފުލުހުން ޑިޔުޓީ ކުރަން ފަށާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަން ފަށާފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ގޭންގު ކުށްތަށް ހުއްޓުވުމަށް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ގޭންގު ކުށްތަކާ ދެކޮޅަށް ޚާއްސަ ވިންގެއް އުފައްދައި، މާލެ އާއި ހުޅުމާލޭގައި ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދު ތަކުގައި ފުލުހުން ތިބެގެން އެތަންތަން ބަލަހައްޓަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ވިންގުގެ އިސް ފުލުހަކު މާލެ އަދި ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި އެ ވިންގު ތަކުން މޮނިޓާރ ކުރުމާއި، ބަޔެއް ކަންކަމުގައި ވަގުތުން ވަގުތައް ނިންމުމުގައި މިހާރު އަވަސްވާނެ ކަމަށްވެސް ވިދާޅުވިއެވެ.