ޝީޝާ ބުއިމަކީ ތިޔަ ހީކުރާހާ ސަޅިކަމެއް ނޫން، އަވަށް ވިހަ ދުންގަނޑުން ނުކުމޭ!

ޝީޝާ ބުއިމަކީ ތިޔަ ހީކުރާހާ ސަޅިކަމެއް ނޫން، އަވަށް ވިހަ ދުންގަނޑުން ނުކުމޭ!

ދިވެހިރާއްޖޭގެ މާދަމާގެ އުއްމީދު ކަމުގައިވާ ޒުވާނުންގެ ތެރެއަށް ފެތުރެމުންދާ ޝީޝާގެ ވަބާއަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ޒުވާން އުމުރުގައި ކުޅިވަރާއި ތަޢުލީމަށް ސަމާލުކަން ދޭންވީ ވަގުތު، އެތައް ބަޔަކު ޝީޝާގެ ދުމުގައި ޖެހި، ހަށިގަނޑާއި ސިކުނޑި ހަލާކު ކުރަމުން ދާކަމީ ހިތާމަހުރި ހަގީގަތެކެވެ.

ޝީޝާ ބުއިމަކީ މޮޅުކަމެއް ކަމަށް ދެކޭ ޒުވާނުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، އެއީ ހަމައެކަނި އެމީހުންގެ ފުއްޕާމޭއަށް ލިބޭ ގެއްލުމެއް ނޫންކަމެވެ. އެއީ މުޅި ހަށިގަނޑަށް ލިބޭ ގެއްލުމެއްކަމެވެ. ޝީޝާގެ ދުމުގައި އެކުލެވޭ ނިކޮޓިންއާއި އެހެނިހެން ކެމިކަލް ތަކަކީ ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރާ ތަކެއްޗެވެ. މީގެއިތުރުން، ޝީޝާ ބުއިމުން އަނގައިގެ ދުޅަހެޔޮ ކަމަށާއި ހިތުގެ ސިއްހަތަށްވެސް ނޭދެވޭ އަސަރު ކުރެއެވެ.

ޒުވާން އުމުރުގައި ޝީޝާއަށް ދެވި ހިފުމުން، މުސްތަޤުބަލުގައި އެކަމުން ދުރުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެއެވެ. އަދި ޝީޝާ ބުއިމަކީ އެހެން ނުރައްކާތެރި މަސްތުވާތަކެއްޗަށް ހުޅުވިގެންދާ ދޮރެއްވެސް މެއެވެ. މިކަމުގެ ސަބަބުން ޒުވާނުންގެ ތަޢުލީމީ ފެންވަރު ދަށްވެ، މަސައްކަތުގެ ދާއިރާގައި އެމީހުންގެ އުފެއްދުންތެރިކަން ދަށްވެގެންދާނެއެވެ.

ޝީޝާގެ ނުރައްކާތެރިކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް:

  1. ހޭލުންތެރިކަން އިތުރު ކުރުން: ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ޝީޝާގެ ގެއްލުންތަކާބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުން.
  2. ޤާނޫނީ ފިޔަވަޅު އެޅުން: ޝީޝާ ވިއްކުމާއި ބޭނުން ކުރުން ހުއްޓުވުމަށް ހަރުދަނާ ޤާނޫނު ތަކެއް އެކުލަވާލައި ތަންފީޒު ކުރުން.
  3. ބަދަލު ހަރަކާތްތައް ތަޢާރަފު ކުރުން: ޒުވާނުންނަށް ކުޅިވަރާއި ސަގާފީ ހަރަކާތްތައް ފަދަ ފައިދާހުރި ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރު ކުރުން.
  4. ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުން: ޝީޝާއަށް ދެވިހިފައިވާ ޒުވާނުންނަށް އެކަމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ފަރުވާގެ މަރުކަޒުތައް ޤާއިމުކުރުން.
  5. މީޑިޔާގެ ބޭނުން ހެޔޮގޮތުގައި ހިފުން: ސޯޝަލް މީޑިޔާ މެދުވެރިކޮށް ޝީޝާގެ ނުރައްކާތެރިކަމާ ބެހޭ މަޢުލޫމާތު ފެތުރުން.

ޒުވާނުނަކީ ޤައުމުގެ އުއްމީދެވެ. ޒުވާނުންގެ ހުނަރާއި ޤާބިލުކަމަކީ މި ޤައުމު ކުރިއަރުވާނެ ބާރެވެ. ޝީޝާގެ ވިހަ ދުމުގައި އެ ހުނަރާއި ޤާބިލުކަން ނައްތާނުލާށެވެ. ޞިއްޙަތަށް ފައިދާ ހުރި ދިރިއުޅުމެއް އިޚްތިޔާރުކޮށް، ތަޢުލީމާއި ކުޅިވަރުގެ ތެރެއިން ކުރިއަށްދާށެވެ. އޭރުން ޒުވާނުންނަށްވެސް އުފާވެރި މުސްތަޤުބަލެއް ލިބި، ޤައުމަށް ފަޚުރުވެރިވާ ދަރިން ތަކަކަށް ވެވޭނެއެވެ.

މިއަދު އެންމެން ގުޅިގެން މަސައްކަތް ކުރަންވީ، ދިވެހި ޒުވާނުން ޝީޝާގެ ވަބާއިން ސަލާމަތް ކުރުމަށެވެ. މާދަމާގެ ދިވެހިރާއްޖެ ބިނާ ކުރާނީ މިއަދުގެ ޒުވާނުންކަން ހަނދާންކުރަމާ ހިނގާށެވެ. ޝީޝާގެ ވަގުތީ މަޖާ ދޫކޮށް، ދެމެހެއްޓެނިވި ކުރިއެރުމަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން ވިސްނައިދިނުމަކީ މުޖުތަމަޢުގެ ކޮންމެ މެންބަރެއްގެވެސް ޒިންމާއެކެވެ. ޤައުމީ ތަރައްޤީއަށް ޒުވާނުންގެ ބައިވެރިވުން ކޮންމެހެން ބޭނުންވާ މި ދަނޑިވަޅުގައި، ޝީޝާގެ ނުރައްކަލުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަސައްކަތް ކުރަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *