އިނގިރޭސިވިލާތުގެ އިމިގްރޭޝަނުގެ ގަވައިދަށް ބަދަލު ތަކެއް، ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެ

އިނގިރޭސިވިލާތުގެ އިމިގްރޭޝަނުގެ ގަވައިދަށް ބަދަލު ތަކެއް، ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެ

އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވައިދަށް ބަދަލު ތަކެއް ގެނައުމަށް ނިންމާފައި ވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިނގިރޭސިވިލާތުގެ އިމިގްރޭޝަނަށް ގެންނަ ބަދަލު ތަކުގެ މައިގަނޑު މަގުސަދަކީ އެގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވައި، އެ ގައުމަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުން ކަމުގައި އެގައުމުގެ ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ބަދަލާއި ގުޅިގެން، އަންނަ ނޮވެމްބަރު މަހުގެ 27 އިން ފެށިގެން، ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް އެތެރެވެވޭނީ އީޓީއޭ ހޯދުމަށް ފަހުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، އީޓީއޭއެއްގެ އަގަކީ ދިހަ ޕައުންޑް ކަމަށާއި އީޓީއޭގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށެވެ. އަދި ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން ހަ މަސް ދުވަހަށްވުރެ އިތުރުނުވާ ގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އެ ގައުމަށް މަލްޓިޕަލް ދަތުރު ކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ބުންޏެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ، އެ ގައުމުގެ ރައްޔިތުންނާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އެ ގައުމަށް ދަތުރުކުރުމުގެ ކުރީން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *