އާ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.
އައްބާސްއަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަން ކުރެއްވި އައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަހުމަދު މުއުތަސިމް އަދުނާންއެވެ.
ޕީޖީ މަގާމަށް އައްބާސް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން އިއްޔެވަނީ ރުހުން ދީފައެވެ. އެއީ ދައުރުން ބޭރުން އިއްޔެ ގޭއްވި ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން ފާސް ކޮށްގެންނެވެ.
ޕީޖީގެ މަގާމަށް އައްބާސް ޝަރީފު އައްޔަން ކުރެއްވީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ތިންވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. އައްބާސް ޝަރީފު އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަގާމު ތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަގާމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވާނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ.
ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އައްބާސް އަކީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވެފައިވާ ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލް ކަން ވެސް ކުރައްވައިފަ އެވެ.
ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.