ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓް އައްބާސް ޝަރީފުއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދެންމެ ފާސް ކޮށްފިއެވެ.
އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީ ކަމުގެ ޝަރުތު ފުރިހަމަވޭތޯ، ކޮމިޓީން ވަނީ އައްބާސްއާއި އިންޓަވިއު ކޮށްފައެވެ.
ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަގާމަށް އައްބާސްގެ ޝަރުތު ފުރިހަމަވޭތޯ، ބަލައި ކޮމިޓީން އެކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ. އަދި އައްބާސްއާއި ބެހޭގޮތުން މައްސަލަ ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލި ފުރުސަތުގައި އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީން އައްބާސްއާއި ކުރި އިންޓަވިއުގައި 93.91 ޕަސެންޓް ލލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އައްބާސްއަށް ރުުހުން ދޭން ފާސްކޮށްފައި ވަނީ އެވަގުތު ކޮމިޓީ ބައްދަލުވުުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޕީޖީގެ މަގާމަށް އައްޔަން ކުރަން އައްބާސްއަށް މަޖިލީހުން ރުހުން ދިނުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.
ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާރ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.
އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޤާނޫނީ ވަކީލުކަންވެސް ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީނުގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައިވެސް ވަކީލުކަން ކުރައްވައިފައެވެ.
ޕީޖީގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި، ހުސެއިން ޝަމީމު ޕީޖީކަމުން ވަކިކުރުމާއި ގުޅިގެންނެވެ.