ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އަލުން ބަލަން އެންގި މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނީ، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުމާއި ބެހޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނިމުން ކަމަަށް ވިދާޅުވެ، ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ އަޑުއެހުން ނިންމާލައިފިއެވެ.
ކުރިމިނަލް ކޯޓަށް އެ މައްސަލަ އަލުން ބަލަން އެންގީ، އެ ކޯޓުން ކުރި ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުންނެވެ.
މިއަދުގެ އަޑުއެހުން ފައްޓަވަނުން ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގެ އަޑުއެހުމެއް ކަމަށެވެ. އަދި ދެފަރާތުން ހުށަހެޅުން ތަކަށް ވާހަކަ ދައްކައި ނިންމުމަށްފަހު، އިތުރަށް ދިރާސާ ކުރަންޖެހޭ ކަމެއް ނެތްނަމަ ހުށަހެޅުން ތަކާމެދު މިއަދު ގޮތެއް ނިންމުމަށް ގަސްތު ކުރައްވާ ކަމަށް ވިދާޅުވެ، ހުށަހެޅުންތައް ހުށަހަޅަން ގާޒީ ޕީޖީގެ ވަކީލުންނަށް ފުރުސަތު ދެއްވިއެވެ.
ނަމަވެސް އެހިސާބުން ޔާމީންގެ އިސް ދިފާއީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ފުރުސަތު ހޯއްދަވައި، އިއުތިރާޒެއް ނެންގެވިއެވެ.
އޭނާ ވިދާޅުވީ، މި މައްސަލައާއި ގުޅުން ހުރި މައްސަލައެއް، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށްދާއިރު އެކަމާ ގުޅުންހުރި މައްސަލައެއް ދަށު ކޯޓުގައި ކުރިއަށް ދިއުމަކީ އަދުލުވެރި ނިންމުމަކަށް ފުރުސަތު ގެއްލިގެންދާނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ދިފާއީ ވަކީލުންގެ ތެރޭގައި ހިމެނޭ ހަމްޒާ ލަތީފް ވަނީ އެ ނުކުތާތައް ތަފްސީލް ކޮށްދެއްވައިފައެވެ.
ދިފާއީ ވަކީލުން އިއުތިރާޒު ނެންގެވީ، އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން އެންގިއިރު، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީއެވެ.
އެ ކަމާބެހޭގޮތުން ދައުލަތުން އެއްޗެއް ބުނުމަށް ގާޒީ ފުރުސަތު ދެއްވުމުން، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، ޕީޖީ އޮފީހުން މި މައްސަލައާ ގުޅޭ އިސްތިއުނާފެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ ދެމަހެއްހާދުވަސް ވެދާނެ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީރު އެއީ ދަށުން ކޯޓުން އަލުން ބެލުމަށް ތަހުވީުކޮށްފައިވާ މައްސލަައެއް ކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެން މައްސަލަތަކުގައި ސުޕްރީމްކޯޓުގެ އަޑުއެހުމަށް އަސަރު ކުރާނަމަ އުސޫލެއްގެ ގޮތުން އެ މައްސަލަ މަޑު ޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި އެކަހަލަ އަމުރެއް ނެރެފައި ނުވިނަަމަވެސް ދިފާއީ ވަކީކުން ފާހަަކަ ކުރައްވާ ކަންކަމުގައި ބަރުދަނެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންވެ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުން މަޑުޖައްސާލަން ދިފާއީ ވަކީލުން ކޯޓުގައި އެދިވަޑައިގަތެވެ
މީގެއިތުރުން ބައެއް ލިޔުންތައް ހިމެނޭ ސީޑީތަކެއް ނުލިބޭތީ އެކަން ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.
ޔާމީން ވިދާޅުވީ ތަހުގީގު މަރުހަލާގެ ވީޑިޔޯތައް ލިބެންޖެހޭ ކަމަށް ކަނޑައެޅިގެން ދިޔައީ މާ ފަހުން ކަމަށެވެ. ތަހުގީގު މަރުހަލާގައި އިތުރަށް ވާހަކަ ދައްކަވަން ދެކޮޅު ހެއްދެވީ ލިޔުންތައް އުފައްދާފައި ހުރި ކަމަށް ތުހުމަތު ކުރެވެން ފެށުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.
އެހެން ކަމުން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލާގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ދަށުކޯޓުގެ މައްސަލަ މަޑުޖައްސާލަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވިއެވެ.