ގަވާއިދު ބަދަލުކޮށް، އެސްއޯއީ ތަކުގެ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރަނީ

ގަވާއިދު ބަދަލުކޮށް، އެސްއޯއީ ތަކުގެ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރަނީ

ހިންގާ ގަވާއިދު ބަދަލުކޮށްގެން ސަރުކާރު ކުންފުނިތަކާއި، ލޯކަލް އޮތޯރިޓީ ކުންފުނި ތަކުގެ އިތުރުން ޕަބްލިކް ކުންފުނި ތަކުގެ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރެވޭ އިސްލާހަކަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަހުސް ކުރަން އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާއެވެ.

އެ ޖަލްސާގައި މިހާތަނަށް އެޖެންޑާ ކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެއީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.

މި ބިލުން އެ ޤާނޫނުގެ 100 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 126 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ޤާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް، މަދުވެގެން އެއް ޑިރެކްޓަރަކު ހުންނަންވާނެ ކަމަށެވެ. (ށ)ގައި ބުނަނީ ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން ދެ ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ. އަދި (ނ)ގައި ބުނަނީ ސަރުކާރުގެ ކޮންމެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ.

(ރ)ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ނަމަވެސް ކުންފުނީގެ ހިންގާ ގަވާއިދު، އެ މާއްދާގެ ތެރޭގައި ހިމަނަން އިސްލާހުގައި ވަނީ ހިމަނައިފައެވެ.

އޭރުން (ރ)ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރުމަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށް ހިމެނޭނެއެވެ.

އެ ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައި ބުނަނީ، ބުނަނީ މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެމަތިން ކުންފުންޏެއްގެ ހާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށްއެދި ހުށަހަޅާ ލިއުން ލިބޭތާ 21 ދުވަހުގެ ތެރޭގައި އެ ޖަލްސާއަަށް ދައުވަތުދޭންވާނެ ކަމަށެވެ. ދެވަނަ ނަމްބަރުގައި ބުނަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވަންވާނެ ކަމަށެވެ.

އިސްލާހުކުރަން ހުށަހަޅާފައި ވަނީ، ޖަލްސާއަށް ދައުވަތުދޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ޖަލްސާ ބާއްވަންޖެހޭ މުއްދަތު 10 ދުވަހަކަށް ކުރު ކުރުމަށެވެ.

ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބާއްވަން ނޯޓިސް ދޭންޖެހޭނެ ކަމަށް ޤާނޫނުގެ 100 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަންބަރާއޮ ދެވަނަ ނަމްބަރުގައި އޮތް 14 ދުވަހުގެ މުއްދަތު ހަތް ދުވަހުގެ މުއްދަތަށް ކުޑަ ކުރުމަށްވެސް އިސްލާހުގައި ވެއެވެ.

މިޤާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުނީގައި ޑިރެކްޓަރުން ނާއި މެނޭޖިން ޑިރެކްޓަރު ނެތްކަމަށް ރަޖިސްޓްރާގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުންނާއި، މެނޭޖިން ޑިރެކްޓަރު އައްޔަންކުރަން ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވާކަމަށާއި މިގޮތުން ރަޖިސްޓްރާ ކުންފުންޏަށް އެންގުމުން، ކުންފުންޏަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓާރު އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނާ 30 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރު ކުރަންވެސް ވަނީ ބިލްގައި ހިމަނައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *