ރޭސިން އަދި ޑްރިފްޓު ކުރުމަށް ހުޅުމާލެއިން ދީފައިވާ ސަރަހައްދުގެ އެއްބަސްވުން ބާތިލު ކޮށްފި

ރޭސިން އަދި ޑްރިފްޓު ކުރުމަށް ހުޅުމާލެއިން ދީފައިވާ ސަރަހައްދުގެ އެއްބަސްވުން ބާތިލު ކޮށްފި

ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ބާތިލްކޮށް، ހަރުކަށި ފިޔަވަޅު ތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.

ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި ކަމާބެހޭ ގާނޫނުތަކާއި ގަވައިދު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފައްޓަވާނެ ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

ރައީސް އެގޮތަށް އިދާރާ ތަކަށް އެންގެވީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާއި ގުޅިގެންނެވެ. މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެކެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަގުތައް އަމާން ތަނަކަށް ހެދުމުގެ އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް އާންމު ކޮށްފައެވެ.

ރައީސް ކަމާބެހޭ ފަރާތްތަކަށް އެންގެވި ކަންތައްތައް:

– ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުރުން

–  ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް 19 އޮކްޓޯބަރު 2023ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރުން.

– ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ މީހާގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.

– ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމު އުޅަނދުތައް އާންމު މަގުތަކުގައި ބޭނުންނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.

– އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެ ކުރުން މަނާ ކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.

– ހުޅުމާލޭ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.

– ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ މީހުންގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.

– މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތް މިހާރަށް ވުރެ އިތުރުކޮށް ހަރުދަނާކުރުން.

އެ ފިޔަވަޅުތައް އަޅަމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓާ ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *