މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާބެހޭ މުއާހަދާގައި ރާއްޖެއިން ސޮއި ކޮށްފި

މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާބެހޭ މުއާހަދާގައި ރާއްޖެއިން ސޮއި ކޮށްފި

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، އެތަންތް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ބައިނަލް އަގްވާމީ މުއާހަދާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖޭ) މުއާހަދގައި ރާއްޖެއިން ސޮއި ކޮށްފިއެވެ.

އދ. ގެ މައިމަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ މުއާހަދާގައި ސޮއިކުރި 92 ވަނަ ގައުމުގެ ގޮތުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ، މާ ކަނޑުގެ ސަރަޙައްދު ހިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުވާ މި ކަހަލަ މުއާހަދާއެއްގައި ރާއްޖެ ފަދަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

މި މުއާހަދާގައި ސޮއި ކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވީ މިދިޔަ ފެބްރުއަރީ މަހުގެ 11 ގައެވެ. އަދި މި މުއާހަދާގައި ސޮއި ކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ރުހުން ދިނީ މިދިޔަ މެއި މަހު 14 ގައެވެ.

މި މުއާހަދާގައި މައިގަނޑު ހަތަރުކަމެއް ހިމެނެއެވެ. އޭގެތެރޭގައި ކަނޑުގެ ޖެނެޓިކް ވަސީލަތް ތަކުގެ ފައިދާތައް ހަމަހަމަކަމާއި އިންސާފުވެރި ކަމާއެކު ބެހުމާއި، ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ބޭނުންވާ އޭރިއާ ބޭސްޑް މެނޭޖްމަންޓް ޓޫލްސް އެކުލަވާލުމާއި، ތިމާވެށްޓަށް ކުރާ އަސަރުތައް ވަޒަންކުރުމުގެ އިތުރުން މެރިން ޓެކްނޮލޮޖީގެ ދާއިރާއިން ކެޕޭސިޓީ އިތުރު ކުރުން ހިމެނެއެވެ.

އދ. ގެ ކަނޑުގެ ގާނޫނާބެހޭ މުއާހަދާގެ ދަށުން، ގައުމީ އިހްތިސާސުން ބޭރުގެ ސަރަހައްދުތަކުގައިވާ ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާބެހޭ މުއާހަދާ ފާސްކޮށްފައި ވަނީ 19 ޖޫން 2023 ގައެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް އަމަލު ކުރަން ފަށާނީ 60 ވަނަ ގައުމުން މި މުއާހަދާ ތަސްދީގު ކުރިތާ 120 ދުވަސް ފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *