ގައުމިއްޔަތުގެ ނަމުގައި ބައިބައިވުންތަކާއި ފިތުނަ އާއި ނަފްރަތަށް ޖާގަ ދެވިގެން ނުވާނެ: ޝާހިދު

ގައުމިއްޔަތުގެ ނަމުގައި ބައިބައިވުންތަކާއި ފިތުނަ އާއި ނަފްރަތަށް ޖާގަ ދެވިގެން ނުވާނެ: ޝާހިދު

ދިވެހިންގެ ގައުމިއްޔަތުގެ ނަމުގައި ބައިބައިވުންތަކާއި ފިތުނަ ފަސާދަ އާއި ނަފްރަތު ފެތުރުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އދ.ގެ ރައީސް ކަމާއި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ޝާހިދު ވިދާޅުވީ ދިވެހި ޤައުމިއްޔަތު ބިނާ ކުރެވިފައި ވަނީ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއްދީނެއްގައި ތިބި، އެެއްބަހަކުން ވާހަކަ ދައްކާ، އެއްނަސްލެއްގެ އެއްބައެއް. މިއީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބައިބައިވުންތަކާއި ފިތުނަ އާއި ނަފްރަތަކީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

"ޤައުމިއްޔަތުގެ ނަމުގައި ވިޔަސް އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނަ އާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ. އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި" ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތި ކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވުމުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *