ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އަށް ދީފިއެވެ.
ރަސްމީކޮށް ފުޓްބޯޅައިން ރިޓަޔާރ ނުކުރި ނަމަވެސް ސީޒަން ހުއްޓާލައިފައި އޮތުމުން އަޝްފާގު ހުރީ ފުޓުބޯޅައާ ދުރުގައެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ޑިރެކްޓާރ ޖެނެރަލް ކަމަށް އަޝްފާގު އައްޔަން ކޮށްފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅެވެ. އެކަމަކު، އޭނާގެ މުސާރަ އާއި އިނާޔަތްތަކާއި އެ ނޫންވެސް ކަންކަން ހާމަކޮށްފައެއް ނުވެއެވެ.
މަޖިލިސް ރައީސްގެ ގެކޮޅުގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ)އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލާއި އަޝްފާގު ވަރަށް ގިނައިން އެއްކޮށް ފެނެއެވެ. މަޖިލީހަށް އަބްދުއްރަޙީމް އިންތިޚާބުވުމުން އުފާ ފާޅުކުރަން ލ. ފުނަދޫގައި ބޭއްވި ހަރަކާތް ތަކުގައިވެސް ފައިސަލާއެކު އަޝްފާގު ބައިވެރިވިއެވެ.