ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރެއިން ނިމުމަކަށް ގެނައީ، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙަންމަދު ޖަމީލް އަޙްމަދު އިސްވެ ހުންނަވައިިގެން ކަމަށް، ރައީސް ޔާމީންގެ ދެވަނަ ނާއީބު ރައީސް އަހުމްދު އަދީބު އަބްދުލްގަފޫރު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނު ދަތުރު ކުރެއްވި، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ އޭރުގެ ނައިބު ރައީސް އަދީބު ގެންނަން އުޅުއްވި ބަޣާވާތެއް ކަމަށް ތުހުމަތު ކުރައްްވައި، ޔާމީންގެ ސިޔާސީ ޕާޓީ، ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ޑރ. ޖަމީލް ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ.
އަދީބު ވިދާޅުވީ، ޑރ. ޖަމީލް އެކަން ކުރެއްވީ، ޔާމީންގެ ވެރިކަމާ ދެކޮޅަށް، އޭރުގެ އިދިކޮޅު ހުރިހާ ފަރާތް ތަކެއް ގުޅިގެން 2015 ވަނަ އަހަރުގެ ތެރޭގައި އުފެއްދި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ރައީސަކަށް ހުންނަވައިގެން ކަމަށެވެ. އޭގެ އެޑްވައިޒަރަކަށް ހުންނެވީ އަދީބެވެ.
އަދީބު އޭރު ހުންނެވީ ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ހައްޔަރުކޮށް ޖަލުގައެވެ.
"2015 ވަނަ އަހަރު އަޅުގަނޑު ހުރަގޭގައި އޮއްވާ، އެމްޔޫއޯ ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އަޅުގަނޑު ލައިގެން، އެހަރަކާތުގެ ރައީސަކަށް ހުންނަވައިގެން ނޫންތޯ ރައީސް ޔާމީނުގެ ވެރިކަން ވައްޓާލީ،" އަދީބު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ތިން ނައިބު ރައީސުން ތިއްބެވިއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީރު ރަނިންމޭޓެއްގެ ގޮތުގައި ހުންނެވީ ޑރ. ޖަމީލެވެ. ނަމަސް ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން 21 ޖުލައި 2015 ގައި ޑރ. ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ނައިބު ރައީސްގެ މަގާމުން ދުރު ކުރިއެވެ.
އެއަށްފަހު ނައބު ރައީސް ކަމުގެ މަގާމަށް އަދީބު ގެންނެވިއެވެ. އޭގެ ފަހުން ފިނިފެންމާ ލޯންޗް މައްސަލައިގައި، އަދީބު އެ މަގާމުން ވަކި ކުރެއްވުމަށްފަހު، ޔާމީންގެ އެންމެ ފަހުގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވީ، އަބުދުﷲ ޖިހާދެވެ.