ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ކަންތައް ތަކުގައި މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރެއްވުމަށް ހަަމަޖެހިފައިވާކަން ހާމަ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ބައްދަލުވުމަކީ ވަރަށް 'ލުކް ފޯވާޑް' ކުރައްވާ އަދި އެމަނިކުފާނަށް މުހިންމު ބައްދަލުވުން ކަމުގައެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ރާއްޖެގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން މިއަދުގެ ބައްދަލުވުގައި މަޝްވަރާ ކުރެވޭނެ ކަންތައްތަކުގެ އިންތިޒާރުގައި ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކަށް ވާނީ އަދި ސަރުކާރުގެ ސިޔާސަތަކީވެސް ކޮންމެ އިންޑަސްޓްރީއަކުންވެސް އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ބޭފުޅުންގެ އަޑު އަހައިގެން ކަންތައްތައް ބައްޓަން ކުރުން ކަމަށެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް މީގެކުރިން ވަޒީރުންގެ މަޖިލީހުން ފާސްކުރި ނަމަވެސް "ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން" ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާއަތް ކުރައްވައި، ވަޒީރުން މަޖިލީހުގެ އެ ނިންމެވުމަށް އަމަލު ނުކުރެއްވުމަށް ރައީސް ވަނީ މިދިޔަ މަހުގެ 29 ގައި ނިންމަވާފައެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން އިތުރު މަޝްވަރާތައް ކުރެއްވުމަށް، "ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން" އާއި އަދި ކަމާއި ގުޅުން ހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަރަށް އަވަހަށް ރައީސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން އޭރު ވަނީ ބުނެފައެވެ.