ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލުތައް ހިންގާ ކަމަށް ބުނެ ހައްޔަރު ކުރި 2 އަންހެނުންގެ ބަންދަށް 3 ދުވަސް

ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލުތައް ހިންގާ ކަމަށް ބުނެ ހައްޔަރު ކުރި 2 އަންހެނުންގެ ބަންދަށް 3 ދުވަސް

ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުދަނގޫ ކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ދެ އަންހެނަކު ފުލުހުން އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ (47އ) އަދި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.

އެ ދެ އަންހެނުންނަކީ ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުންދާ ދެ އަންހެނުންނެވެ. އޭގެތެރެއިން ޝާދިޔާއަކީ ޝައިހް ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.

ފުލުހުން އެ މީހުންނަށް ކުރާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލަވައި، ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަން ތަކުގެ މަސައްކަތް ތަކަށް ހުރަސް އެޅޭގޮތަށް ކަންކަން ކުރުމެވެ.

އޭގެއިތުރުން ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލު ތަކެއް ހިންގަމުން ގެންދިއުމާއި އެކަމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން، އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުވެސް ކުރެއެވެ. ނަމަވެސް, ފުލުހުން އެ ދެ އަންހެނުން އުނދަގޫ ކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކުރުމުގެ ކުރިން އެފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުުން ތިން ދުވަހުގެ މުއްދަތެއ ކޯޓުން ވަނީ ޖަހހައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *