ދިވެހި ވަރަށްގިނަ އަންހެނުން އަމިއްލައަށް ގޭގައި ކާބޯތަކެތި ހަދައި ފިހާރަތަކަށްލައި ވިއްކަމުން ދެއެވެ. ހެދިކާގެ ބާވަތްތަކާއި ބާގަރ، ސަބްމެރިންގެ އިތުރުން މަސްމިރުހާއި ތެލުލިފަތާއި ރިހާކުރާއި ތެލުލިބަނބުކެޔޮލާއި ކުޅިކާޖާގެ އިތުރުން ފޯކަށް ދަންދެންވެސް ގޭގައި ތައްޔާރުކޮށް އެ ތަކެތި ވިއްކައިގެން ދިވެހި އަންހެންވެރިން ދިޔައީ ރަނގަޅު އާންމުދަނީއެއް ހޯދަމުންނެވެ.
ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ މީހުންގެ ފަރާތުން ފަހަކަށް އައިސް ކާބޯތަކެތި ތައްޔާރު ކުރުމުގައި ފެންމަތި ވެގެންދިޔަ މުޑުދާރު ކަމުގެ ސަބަބުން، ގޭގައި ތިބެގެން އާންމުދަނީ ހޯދަމުންދިޔަ އެތަކެއް ދިވެހިންނަށް މި ލިބުނީ ފޫބައްދަން ދަތި ގެއްލުމެކެވެ. ބޮޑު ހިތާމައެކެވެ. ބުޅާމަހާއެކު ބާގަރ އާއި ސަބްމެރިން ހެދި ބަންގާޅީއެއްގެ ވާހަކަ ތިލަވިއިރު، ގޭގައި ފޯއްކޮށައި ހަދަމުންދިޔަ މުޑުދާރު ފޮޓޯއާއި ވީޑިޔޯތަކެވެ. އެއަށްފަހުވެސް އެފަދަ ކިތަންމެ ކަމެކެވެ.
މިކަންތައް ތަކުގެ ސަބަބުން ގޭގައި ތިބެގެން ތަފާތު ކާބޯތަކެތި ހަދައި، ވިއްކައިގެން އާއިލާގެ ޚަރަދުތައް ފޫބައްދަމުންދިޔަ ގިނަ މީހުންގެ ވިޔަފާރި ވަނީ ބޮޑުތަނުން ދަށްވެފައެވެ. ހަމަ ގާތްގަނޑަކަށް އާންމުދަނީއެއް މިހާރު ނުލިބެއޭ ބުނާ ހިސާބަށް ގޮސްފިއެވެ.
މާލެ ޓައިމްސްއާ ވާހަކަ ދެއްކި އަންހެނަކު ބުނީ އޭނާ ކޮންމެ ދުވަހަކު ހެނދުނު ސްކޫލް ކުދިންގެ އިންޓަވަލްއަށް ހަދަނީ ސޭންޑްވިޗާއި ސަބްމެރިން އާއި ބާގަރ ކަމަށެވެ. ބަންގާޅީންގެ މުޑުދާރު ވާހަކަތައް ފެންމަތިވުމުގެ ކުރިން ހެނދުނު ފިހާރަތަކަށް ލާ ހުރިހާ އެއްޗެއް 10 ޖަހާއިރު ހުސްވާ ކަމަށް އޭނާ ބުންޏެވެ.
"އާންމުކޮށް ދުވާލަކު 1000 ރުފިޔާ ލިބޭނެ އެ އެއްޗެހި ވިއްކައިގެން. ޚަރަދު ކަނޑާފަ ރަނގަޅު ފައިދާއެއް އިންނާނެ. ފައިދާއިން ލިބޭ އެއްޗަކުން ގޭގެ ކެއުމުގެ ހުރިހާ ޚަރަދަކާ ކުދިވެރިންގެ ސްކޫލް އިންޓަވަލްގެ ހުރިހާ ކަމެއް ނިންމަނީ. ފިރިމީހާ ވަޒީފާއަށް ގޮސްގެން ލިބޭ އެއްޗަކުން ކުއްޔާއި ބިލްތައް ދައްކަނީ. ދެން ހުންނަ އިތުރު ޚަރަދު ކުރަނީ. ގޭގައި އެއްޗެހި ހަދައިގެން ވިއްކާތީ މަސް ނިމޭއިރު މީހަކަށް ނުދަރައި ޚަރަދުތައް ނިންމާލެވޭ. އެކަމަކު މިހާރު ދެން ވަރަށް ހާސްވެފަ މިހުރީ. މިހާރު ހަމަ ނުވިކެއޭ ބުންޏަސް ރަނގަޅުވާނެ. ބަޔެއް ދުވަސްދުވަހު 100 ރުފިޔާ 200 ރުފިޔާ ލިބެނީ." ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.
އެހެން މީހަކު ބުނީ އޭނާއަކީ ކާބޯތަކެތީގެ ހުރިހާ ވައްތަރެއްވެސް ހަދާ މީހެއް ކަމަށެވެ. އެކަމަކު މިހާރު ވިޔަފާރިއެއް ނެތް ކަމަށެވެ.
"މިހާރު ފިހާރަތަކުން ބަޔެއް ތަކެތި ބަހައްޓަން ދެކޮޅުއެބަހަދާ. ބުނަނީ ތިމަންނަމެނަށް ކަސްޓަމަރުންގެ ޝަކުވާއެއް އައިސްފިއްޔާ ފިހާރައިގެ ވިޔަފާރި ދިޔައްޔޭ. އެހެންވެ ވަރަށް ނުބަހައްޓަންވެސް އުޅޭ. ވާގޮތަކީ ފިހާރަ ހިންގާ މީހުންނަކަށް ޔަގީނެއްނުވާނެތާ އެ ތަކެތި ހަދަނީ ބަންގާޅީއެއްކަމެއް ދިވެއްސެއް ކަމެއް" އަންހެން މީހާ ބުންޏެވެ.
އޭނާ ބުނީ ފިހާރަތަކަށް ކުރިން އެންމެގިނައިން ވިއްކަން ލަނީ ތެތުލިފަތާ ކުޅިކާޖާ ކަމަށެވެ. އެކަމަކު ވިކޭ މިންވަރު 90 ޕަސެންޓް ދަށްވެއްޖެ ކަމަށް ބުންޏެވެ.
"މި ބަންގާޅީންގެ ސަބަބުން އަހަރެމެން ސާފުތާހިރުކޮށް ކަންކަން ކޮށްގެން ގޭގައި ތިބެގެން އާންމުދަނީ ހޯދަމުން އައި ކިތައް މީހުންނަށް މިލިބުނީ ލަނޑު. ހަމަ ހަދާނެ ގޮތް ހުސްވެފަ މިހުރީ. މާލޭގަ ކުލި ދައްކައިގެން އުޅެވޭނީ ވަރަށް މަސައްކަތް ކޮށްގެން. މިހާރު ކިތަންމެ މަސައްކަތެއް ކުރިޔަސް އެއްޗެއް ނުލިބޭ. އެއްޗެއް ނުލިބެންޏާ އެ ތަކެތި ހަދަން ޚަރަދެއްވެސް ނުކުރެވޭނެނު. މިހާރު ބަޔެއް ފިހާރަތަކުން އެބަހުރި 2 ދުވަސް ވަންދެން ތެލުލިފަތް ޕަކެޓެއް ނުވިކި. މި ދައްކަނީ 5 ރުފިޔާއަށް ދައްތަ ވިއްކާ ތެލުލިފަތުގެ ވާހަކަ. ކުރިން އޮންނަނީ ނުހެދިފަ" ސައީދާ ކިޔާ މީހަކު ބުންޏެވެ.
ފިހާރަތަކުންވެސް ބުނަނީ ގޭގެއިން ތައްޔާރު ކޮށްގެން ގެންނަ އެއްޗެހި ގަންނަ މީހުން 90 ޕަސެންޓް މިހާރު ދަށްވެއްޖެ ކަމަށެވެ.
"އެމީހުން ގެންނަ އެއްޗެހިން ކުޑަކުޑަ ޕަސެންޓެއް ފިހާރައަށް ލިބޭނީ. ފިހާރައަށް އާންމުދަނީއެއް ވަންނާތީ ކުރާކަމެއްނޫން. ގޭގަތިބެގެން އަންހެންވެރިން ކުރާ މަސައްކަތަށް އެހީތެރިވާން ކުރާކަމެއް. ކައުންޓަރު މަތި މި އޮންނަނީ އެކަމަށް ހުސްކޮށްފަ. އެކަމަކު މިހާރު މީހުން ވަރަށް ނުގަނޭ" ފިހާރައެއްގެ ސޭޓު ބުންޏެވެ.
އެހެން ފިހާރައެއްގެ ސޭޓު ބުނީ މިހާރު ބާގަރ އާއި ސަބްމެރިން އެ ފިހާރައިގައި ނުވެސް ބަހައްޓާ ކަމަށެވެ.
"ބަހައްޓަން ޖެހިލުންވާ ހިސާބަށް ދޯ މިދިޔައީ. ދެރަވެސްވޭ. މިއުޅޭ ބަންގާޅީންގެ ނުހޮރޮއްޕާން މީ" ސޭޓު ބުންޏެވެ.
ހުޅުމާލޭގައި ހުސް ބިންތަކުގައި ހެދިކާ ވިއްކާ ބަޔެއް އަންހެނުންވެސް ބުނީ މިހާރު ރޭގަނޑު 9 ޖަހާއިރުވެސް ހެދިކާ ވިއްކަން ތިބެންޖެހޭ ކަމަށެވެ. ހުސްނުވެގެންނެވެ.
"3 ޖަހާއިރު ވިއްކަން ފަށަން. ހަމަ ދޭތެރެއަކުން މީހަކު އަންނާނީ. ކުރިން ހަމަ އިރުއޮއްސޭއިރު ހުންނާނީ ވަރަށް މަދު ފޮނި ހެދިކާކޮޅެއް. މިހާރު އެހެނެއްނޫން. އިރުއޮއްސުނަސް މިތިބެންޖެހެނީ ވިކޭތޯ. ކިހާބޮޑު ދެރައެއް ބަންގާޅީންތަކާހެދި އަހަރެމެންނަށް މިލިބުނީ" ސޮފިއްޔާ ކިޔާ މީހަކު ބުންޏެވެ.
ގިނަ މީހުންނަށް އާއިލާގެ ޚަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ނެތެވެ. އެމީހުން ތިބީ އެކަމަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންނެވެ. ޒަމާނީ މެޝިންތަކާއި އެނޫންވެސް ތަކެތި ގަނެ އިންވެސްޓްވެސް ކޮށްގެންނެވެ.
"އަހަރެމެންގެ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި ޚަރަދު ހަމަޖައްސަނީ ގޭގައި ތިބެގެން ކާބޯތަކެތި ހަދައިގެން. އެދިޔައީ އާންމުދަނީގެ ދެބައިކުޅަ އެއްބައި. ދެން ވިސްނާލަ އަހަރެމެންނަށް ކުރާނެ އަސަރު. ވާނެދަތި. ލޮލުން ހަމަ ކަރުނައާދޭ" އަންހެނަކު ބުންޏެވެ.
ބަޔެއް މީހުން ބުނަނީ ދަރިފުޅު ގޮވައިގެން ސްކޫލަށް ދަމުން ކުރިން ހަދާގޮތަކީ ޖެހިގެން އިންނަ ފިހާރައިން ބާގަރއެއް ނޫނީ ސޭންޑްވިޗެއް ކަހަލަ އެއްޗެއް ގަނެލާފައި ދަރިފުޅަށް ދެނީ ކަމަށެވެ. ނަމަވެސް ބަންގާޅީންގެ މުޑުދާރުކަން ފެނުނު ފަހުން، ގޭގައި އަމިއްލައަށް ކޮންމެވެސް އެއްޗެއް ހަދާލާފައި ދަރިފުޅުގެ އިންޓަވަލްއަށް ދެނީ ކަމަށެވެ.
ބަންގާޅީންގެ މުޑުދާރުކަން ފަޅާއަރައި އެމީހުން ޑީޕޯޓުވެސް ކޮށްލެވިދާނެއެވެ. އެމީހުން އެތިބީ މުއްސަނދިވެފައެވެ. އެކަމަކު އެމީހުންގެ ސަބަބުން ހުރިހާ ކަރުނައެއް ބާލަން މި ޖެހުނީ ދިވެހި އަންހެނުންނެވެ.