ބޭންކުން ބަޣާވާތެއްކުރިޔޭ ރައީސުލްޖޫމްހޫރިއްޔާ ވިދާޅުވުމުން ބޭންކުގެ ހުރިހާ މުވައްޒަފުން އެފުރޮޅާ ލެވުނީ ނުރައްކަލަށް: ޝާހިދު

ބޭންކުން ބަޣާވާތެއްކުރިޔޭ ރައީސުލްޖޫމްހޫރިއްޔާ ވިދާޅުވުމުން ބޭންކުގެ ހުރިހާ މުވައްޒަފުން އެފުރޮޅާ ލެވުނީ ނުރައްކަލަށް: ޝާހިދު

ގައުމީ ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް އިން ބަޣާވާތެއް ކޮށްފި ކަމަށް، ރާއްޖޭގެ ވަލިއްޔުލްއަމްރު، ތުހުމަތު ކުރެއްވުމުން ބޭންކްގެ ހުރިހާ މުވައްޒަފުން އެ ފުރޮޅާލެވުނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ސީދާ ރައީސުލްޖުމްހޫރިއްޔާ ނުކުމެވަޑައިގެން އެހެން ވިދާޅުވާއިރު ބީއެމްއެލްގެ އެންމެ ބޮޑު ޙިއްސާދާރަކީވެސް ސަރުކާރު ކަމަށެވެ.

ބީއެމްއެލްގެ ރުފިޔާ އެކައުންޓު ތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އިއްޔެ ނިންމުމަށްފަހު އަލުން އެކަން ހައްލު ކުރުމުން، ރައީސް ޑރ. މުއިއްޒު ރޭގައި ވިދާޅުވީ، އެކަމަކީ ބޭންކުގެ ތެރެއިން ދުރާލައި ރާވައިގެން ހިންގި ބަޣާވާތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ މަންޒަރު އިހަކަށް ދުވަހު، އާދަޔާ ޚިލާފު، އެއީ ރާއްޖޭގެ ވަލިއްޔުން އަމްރު، ރައީސުލްޖުމްހޫރިއްޔާ ނިކުމެ ވަޑައިގެން މި ވިދާޅުވަނީ ރާއްޖޭގެ ގައުމީ ބޭންކުން އެބަ ބަޣާވާތެއް ކުރެޔޭ، އަޅުގަނޑުމެން ވިސްނާލަންޖެހޭ އެ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު. ސަރުކާރުގެ ކޮންޓްރޯލް އޮތް ބޭންކަކުން ސަރުކާރާ އިދިކޮޅަށް ބަޣާވާތެއް ކުރާކަމަށް އެންމެމަތީ ވެރިއަކު ވިދާޅުވާ ހިސާބުން ނުރައްކަލަށް ފުރޮޅިގެން އެދަނީ ހަމައެކަނި އެބޭންކުގެ ޗީފް އެގްޒެކްޓީވް އޮފިސަރެއްނޫން،" ރައީސް މުއިއްޒުގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެސްގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒުގެ ތުހުމަތު ތަކަކީ ސީއީއޯގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުންނާއި އެ ބޭންކުގައި ވަޒީފާ އަދާކުރާ ހުރިހާމުވައްޒަފުންނާ ދިމާލަށް ދިއްކުރެވޭ ވަރަށް ވަރުގަދަ އިނގިއްޔެއް ކަމަށެވެ.

"މިހާރުވެސް ގައުމީ ބެންކާ ދިމާލަށް ސްކޭމް ކޯލުތަކާއި އެކި އެކިއެކި ކަންތައް ތަކުގެ ތުހުމަތުގައި ބޭންކަށް އޮތް އިތުބާރާމެދު ވަރަށްބޮޑަށް ސުވާލު ކުރެވެމުން ދަނީ. އެފަދަ ދަނޑިވަޅެއްގައި އަނެއްކާ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ނިކުމެ ވަޑައިގެން ދައުލަތާ ދެކޮޅަށް ބާޣާވާތެއް ކުރި ކަމުގެ ތުހުމަތު އަޅުއްވައި އަދި ސީއީއޯ އިސްތިއުފާ ދޭންޖެހޭނެ ކަމަށް ވިދާޅުވާއިރު މި ނުކުންނަނީ އަޅުގަނޑުމެންގެ ގައުމީ ވަންތަ ކަމަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ފުރަތަމަ ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުން ބޭންކުން އެޅި ފިޔަވަޅު ދިފާއު ކުރައްވައި ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް ފަހުން އެ ބޭފުޅުންގެ ރާގު ބަަލުވީ ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހުގެ ބައެއް މެންބަރުންް ޓްވީޓު ކުރައްވަމުން ގެންދެވި މިއީ ބޭންކަށް ލިބޭ ޑޮލަރު މަދުވީމާ މި ވަގުތައް ދިމާވެގެންއުޅޭ ދައްޗެކޭ، އަންނަ ނޮވެމްބަރު މަހު މިކަން ހަމަޖެހިގެން ދާނެއޭ.  އޭގެފަހުން ވަޒީރުން ކޮޅެއް ޕޯޑިއަމެއް ކަރީގައި ތިއްބަވައިގެން އެއީ އެވަގުތު އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވާހަކަ ދެއްކެވި. އެއީ ކުރަންޖެހޭ ކަމެއް ކަަމަށް. އެކަންކުރީ ރަނގަޅަށް ކަމަށް. އިރާދަކުރެއްވިއްޔާ މިކަންތައްތައް ވަރަށް އަވަހަށް ހައްލު ވެގެންދާނެ ކަމަށް. ނަމަވެސް ދެން ފެނުނީ މުޅި އެތި އެނބުރިގެން ދިޔަތަން. 180 ޑިގްރީ ބަދަލުވެފަ. ސީދާ ރައީސުލްހުމްހޫރިއްޔާ އިނގިިލި ދިއްކުރައްވާފަ އެ ވިދާވަނީ ބޭންކުން އެ ގެނައީ ބަޣާވާތެކޭ،" ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *