ރައީސްގެ ރައްދު: އެމްއެމްޕީއާރުސީ ޚިޔާނާތުގެ އެއްވެސް ލިސްޓެއްގައި އަޅުގަނޑުގެ ނަން ނޯންނާނެ: ރައީސް

ރައީސްގެ ރައްދު: އެމްއެމްޕީއާރުސީ ޚިޔާނާތުގެ އެއްވެސް ލިސްޓެއްގައި އަޅުގަނޑުގެ ނަން ނޯންނާނެ: ރައީސް

އެމްއެމްޕީއާރުސީ ޚިޔާނާތުގެ އެއްވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަން ނޯންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.

ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް އެ ވާހަކަތައް ދައްކަވާފައި ވަނީ، ޕީއެންއެފްގެ ޖަލްސާގައި ފުލުހުންގެ ތަހުގީގެއް ކަމަށް ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

ދާދި ފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި އެ ތަހުގީގު ކަމަށް ވިދާޅުވެ، ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖާސޫސް ކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ ޖަލްސާގައި އެ ވާހަކަ ތަކަށް ބާރު ދެއްވަމުން ޔާމީންވެސް ވާހަކަ ދެއްކެވިއެވެ.

އެކަން ކަމަށް ރައްދު ދެއްވަމުން ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި އެކި ފަހަރު މަތިން ބަދަލު ކޮށްގެން ނެރުނު ލިސްޓުގައި އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށާއި ވިޔަފާރީގެ ގޮތުން ޑޮލަރު މާރު ކުރުމުގެ ގޮތުން ވިޔަސް، އެކަމާއި ގުޅޭ ލިސްޓެއްގައި އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށެވެ.

"އެކި ގޮތް ގޮތަށް ބަދަލު ކުރިޔަސް އަޅުގަނޑުގެ ނަމެއް ނެތެއް ނޫންތޯ އޭގައި. އޭގައި ހިމެނޭ ގިނަ މީހުންނަކީ އެކަމުގައި ބައިވެރިވި މީހުންނެއް ނޫން، ވިޔަފާރި ކުރުމުގައި އޭގައި ޑޮލަރު މާރުކޮށްފައި ގިނަ މީހުން އޮތީ. އެގޮތުން ވިޔަސް އަޅުގަނޑުގެ ނަމެއް ނެތް. ދެން މިއަދު ރިޕޯޓެއް ނެރުނީމާ އަޅުގަނޑުވެސް ވަރަށް ހައިރާން ވެއްޖެ މިވީ ކިހިނެއްތޯ ބަލަން. ދެން އަޅުގަނޑު ޕޮލިހުންނަށް ދަންނަވައިފިން ބަލައިލަ ދޭށޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު ސާފު ކުރެއްވުމަށް ފުލުހުންގެ އިދާރާގައި ދެންނެވުމުން އެއީ ފޯޖު ތަކެއްކަން ފުލުހުން ދައްކާފައިވާ ކަމަށާއި އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނު ކަމަށް ސާބިތު ކުރަން ނެރެފައި ވަނީ ހަގީގަތާއި އެއްޗެއް ކަމަށް ބުނެ ފުލުހުންވެސް ބަޔާނެއް ނެރެފައިވާނެ ކަމަށެވެ.

"ސާބިތު ހެކީގެ ގޮތުގައިި ދެއްކީ. ދެން މި ސާބިތުވީ ކޮން އެއްޗެއްތޯ އެބަޖެހޭ ބަލަން. އެހެންވީމާ މިކަހަލަ ގޮތަކަށް ކަންކަން މިއޮތީ. އަޅުގަނޑު ހިތްވަރުދޭން ބޭނުން ވަނީ ޒިންމާދާރުވާން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރަސީއެއްގައި ޒިންމާދާރު އޮޕޮޒިޝަނެއް އޮންނަންޖެހޭ ކަމަށާއި ޒިންމާދާރު ވުމަކީ ތެދު ބަހުން ވާހަކަ ދެއްކުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *