ޑިމޮކްރެޓްސް އިން ސަރުކާރަށް: ބޭރުގެ ގައުމު ތަކަށްވެސް އެނގޭ މިއީ މިކަންވާވަރުގެ ބަޔެއް ނޫންކަން ލާރިއެއް ދީފިއްޔާ ގެއްލޭނީކަން

ޑިމޮކްރެޓްސް އިން ސަރުކާރަށް: ބޭރުގެ ގައުމު ތަކަށްވެސް އެނގޭ މިއީ މިކަންވާވަރުގެ ބަޔެއް ނޫންކަން ލާރިއެއް ދީފިއްޔާ ގެއްލޭނީކަން

ބޭރުގެ ގައުމު ތަކަށް ފައިސާ ހޯދަން ގޮސް މި ސަރުކާރުން އާދޭސް ކުރާއިރު، އެންމެ 12 މިނިސްޓްރީން  ބޮޑެތި ގައުމުތައް ހިންގާއިރު، ރާއްޖޭގައި 22 މިނިސްޓްރީ ހަދައިގެން ގައުމެއް  ހިންގާކަން އެ ގައުމުތަކަށްވެސް އެނގޭ ކަމަށާއި، އެހެންވެ ފައިސާގެ އެހީއެއް މި ސަރުކާރަށް ދީފިއްޔާ "ލާރިކޮޅު ކާލާނީކަން" އެ ގައުމު ތަކަށްވެސް އެނގޭ ކަމުގައި ޑިމޮކްރެޓްސް އިން ބުނެފިއެވެ.

މި ސަރުކާރުގެ މާލީ ސިޔާސަތާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިން އެސްޓީއޯގެ އެމްޑީކަން ކުރެއްވި ޙުސެން އަމްރު ވިދާޅުވީ މި ސަރުކާރުން ބޭރުގެ ގައުމު ތަކުގެ ކިބައިން ފައިސާގެ އެހީއަށް އެދެނީ އާދައިގެ ޕްރޮޕޯޝަލެއް ހިފައިގެން ގޮސް ކަމަށެވެ.

"ހައެއްކަ މިލިޔަން މީހުންގެ ގައުމެއް ހިންގަނީ 12 މިނިސްޓްރީން. އެކަހަލަ ކަންތައް ފެނުނީމަ އެބަ އެނގޭ މީކީ އަދި މިކަން ވާވަރު ބައެއް ނޫންކަން. ލާރިކޮޅެއް ދިނަސްް އެ ލާރިކޮޅު ގެއްލޭނީކަން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ 10 މިނިސްޓްރީންވެސް ދިވެހިރާއްޖެ ހިންގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ބޭރުގެ ގައުމު ތަކުން ފައިސާ ލިބޭނެ ކަމަށް ބަލައިގެން ނުތިބެ ސަރުކާރުން ފުރަމަވެސް ކުރަންވީ ކަމަކީ ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުން ކަމަށެވެ. ޚަރަދު ކުޑަކުރާކަން ދައްކަންޖެހޭނީ އަމަލީ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިއުސް ކޮންފަރެންސްގައި ޑިމޮކްރެޓްސް ފަރާތުން ވާދަކުރެއްވި ކުރީގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، މި އަހަރު ފެށުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި އޮތީ 120 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިމެނޭ އާމްދަނީއަކީ، 34 ބިލިއަން ރުފިޔާ ނަމަވެސް 49 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އެއީ މިއަހަރު އެކަނިވެސް 15 ބިލިއަން ރުފިޔާ ޑިފިސިޓްވާ އަދަދެއް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *