ޝަމީމަށް ހަމަލާ ދިން މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް ދައުވާ ކޮށްފި

ޝަމީމަށް ހަމަލާ ދިން މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް ދައުވާ ކޮށްފި

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލާގައި ހިމެނޭ 7 މީހުންގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދިނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައި ވަނީ ޝަމީމުގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރު މަތިންނެވެ. މިހާދިސާއާއި ގުޅިގެން ލިބުނު އަނިޔާގައި އުޅަނބޮށިން ތިރީގެ ބައެއް ކަށި ތަކުގައި ރެނދުލައިގެން ފަރުވާ ހޯއްދެއްވިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އެ 7 މީހުންގެ މައްޗަށް ދައުވާ ކުރަން ކުރިމިނަލް ކޯޓަށް ފިނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކުރި 7 މީހުން:

1- ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް

2- ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން

3- ދަފްތަރު ނަންބަރު ދރ 2247، އަހްމަދު މައިސާން ހާޝިމް

4- ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް

5- ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން

6- ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު

7- އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރު

މި ހަތް މީހުންގެ މައްޗަށްވެސް ކޮށްފައި ވަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާއެވެ.

އޭގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ، އިތުރު ބަޔަކާއެކު، ޝަމީމަށް ހަމަލާ ދިނުމަށް ރާވައި، މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޝަމީމު ހުއްޓައި، ޝަމީމުގެ ބޮލަށް ހަމަލާ ދިނުމަށް މަސައްކަތްކޮށް، އޭނާއާމެދު މާރާމާރީ ހިންގައި، އޭނާގެ އަތުގެ މުލައްދަނޑި ޒަޚަމް ކޮށްލާފައި ވާތީއެވެ.

ޖަޒްލާންގެ މައްޗަށް ދައުވާ ކުރީ، ޝަމީމަށް ހަމަލާދޭން ރޭވުމާއި، ޝަމީމް ހުރިތަނަށް ސައިކަލުގައި މިދުހަތު ގެންގޮސް، ޝަމީމަށް ހަމަލާ ދިނުމުން މިދުހަތު ގޮވައިގެން ސައިކަލުގައި އެތަނުން ދިއުމުގެ މައްސަލައިގައެވެ.

މައިސާން ހާޝިމްގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދޭން ރާވައި، ޝަމީމަށް ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހި ކޮށްދީފައި ވާތީއެވެ.

މީގެ އިތުރުން އިތުރުން ރަޖުވާން އާއި ޝަމާލް އާއި އަބާން އާއި ޒަޔާނަށް ދައުވާ ކޮށްފައި ވަނީ، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކޮށްފައިވާ އެހެން މީހުންނާއެކު ޝަމީމު ހުރި ސަރަހައްދަށް ގޮސް ޝަމީމަށް ހަމަލާ ދިނުމަށް ބޭނުން ކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހި ކޮށްދީފައި ވާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *