ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު ހަމަޖައްސައިފި

ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު ހަމަޖައްސައިފި

ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގެ އާ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ސައީދު ޕީސީބީން ރޭ އައްޔަނު ކޮށްފިއެވެ.

ކުރިން މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވި ސައީދު އޭގެ ފަހުން ވަނި ތައުލީމީ ދާއިރާގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ.

އެމަގާމަށް އަލަށް އައްޔަން ކުރި ސައީދަކީ އޭޕްރީލް 2019 އާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައި ތިއްބެވި އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރެއިން އެކެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެ މިނިސްޓްރީގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ ނުވަތަ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 9، 2017 އިގައެވެ. އެކަމަކު ޖެނުއަރީ 2019 އިން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް ސައީދު ހުރީ އެ މަގާމުން ސަސްޕެންޑު ކޮށްފައެވެ. އޭނާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރީ އޭޕްރީލް 2019 ގައެވެ.

ސިވިލް ސާވިސް ކޮމިޝަނުން ސައީދާމެދު އޭރު ފިޔަވަޅު އެޅީ 2018 ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ޤާނޫނާއި ގަވައިދާ ޚިލާފަށް އަމަލުކުރި ކަމަށް ބުނެއެވެ.

ޕީއެސްއެމްގެ އެމްޑީ ކަމަށް ސައީދު އައްޔަންކުރީ އިއްޔެ އާއި ހަމައަށް އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ.

ޕީއެސްއެމްގެ ފުރަތަމަ އަންހެން އެމްޑީގެ ގޮތުގައި އެ މަގާމަށް ޒީނާ އައްޔަން ކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. ނަމަވެސް ޒީނާ ކުއްލި ގޮތަކަށް އިއްޔެ ހަވީރު އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ފަހަތުގައި އޮތް ކަމެއް ވިދާޅެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *