ދީނީ ޢިލްމްވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

ދީނީ ޢިލްމްވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

ސަތޭކައަށްވުރެ ގިނަ ޢިލްމުވެރިންނާއެކު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްގެންދާ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަމްޢިއްޔަތު ތުފޫދުލް ޙަރަމްގެ ރައީސް ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރު މި ބައްދަލުވުން ބާއްވަނީ ތަފާތުކޮށް ކަމަށެވެ. އެގޮތުން މި މަހާސިންތާގެ މަޤްޞަދަކީ ޢިލްމުވެރިންނާއެކު މަޝްވަރާކޮށް، ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިޖްތިމާއީ އަދި އިޤްތިސާދީ ކަންތައްތަކާއި ގުޅޭގޮތުންވެސް މި މަހާސިންތާގެ ސެޝަން ތަކުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި އިސްލާމީ ތަސައްވުރެއް އެކުލަވާލުމަށްވެސް މި މަހާތިންސާގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް މިނިސްޓަރު ޑރ. ޝަހީމު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިން ކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެއެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅި ތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއު ތަކަށް ބަޙުސް ކުރުމާއި ތަފާތު މައުޞޫއު ތަކަށް އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިރޭގެ ނިޔަލަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *