ޝަމީމަށް ކުރާ ތުހުމަތު ތަކުގެ ބައެއް ލިއުންތައް ދޭން ކޮމިޓީން ޕީޖީ އޮފީހަށް އަންގައިފި

ޝަމީމަށް ކުރާ ތުހުމަތު ތަކުގެ ބައެއް ލިއުންތައް ދޭން ކޮމިޓީން ޕީޖީ އޮފީހަށް އަންގައިފި

މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށާއި، މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާޅުވަމުން ދާކަމަަށް ތުހުމަތުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި ބައެއް މައްސަލައާއި ގުޅުން ހުރި ލިއުންތައް ކޮމިޓީއަށް ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޕީޖީ އޮފީހަށް އަންގައިފިއެވެ.

އެގޮތަށް ކޮމިޓީން އެންގީ، އެ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ޝަމީމު މާދަމާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައި ވާތީ، އެކަމަށް ތައްޔާރު ވުމުގެ ގޮތުން އެ ލިއުންތައް ހޯދުމަށް ކޮމިޓީގެ މެންބަރަކު ހުށަހެޅުއްވައި ތާއީދުކޮށް، ފާސް ކުރުމާއި ގުޅިގެންނެވެ.

މިއަދުގެ ނިޔަލަށް އެ މައުލޫމާތުތައް ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ، ޕީޖީ ޝަމީމް ވަކި ކުރުމުގެ މައްސަލަވެސް ކޮމިޓީއަށް ހުށަހެޅުއްވި މެންބަރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ހުށަހެޅުން ކޮމިޓީއަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވި، ޝަމީމަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭތީ، އޭގެތެެރެއިން ބައެއް ކަންތައް ނިންމާފައި ވާގޮތުގެ ލިއުންތައް ކޮމިޓީއަށް ލިބެންޖެހޭ ކަމަށެވެ. އެއީ ޝަމީމު ކޮމިޓީއަށް ހާޒިރު ކުރާއިރު އެކަން ކަމުގެ ހެކީގެ ގޮތުުގައި ބޭނުން ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ފަޒާދު ހޯދަން ހުށަހަޅުއްވާފައިވާ ލިޔެކިއުން ތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކެއް ރޭޕުކުރި ކަމަށް، އަލީ ވަހީދަށް ތުހުމަތުކުރި މައްސަލަ އަނބުރާ ގެންދިއުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ އަނބުރާ ގެންދެވި މައްސަލަ އާއި، ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާގުޅޭ ލިއުންތަކުގެ އިތުރުން، ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަން ނިންމުމާއި، ޕީޖީ އޮފީހުގެ މުވައްޒިފުންނާމެދު ތަފާތުކުރުންތައް ގެންއުޅުއްވާ ކަމަށް ޝަމީމަށް ކުރާ ތުހުމަތުތަގާ ގުޅޭ ލިއުންތައް ހިމެނެއެވެ.

ޝަމީމު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި މިފަދަ، ބޮޑެތި އަށް މައްސަައެއްގައި ޝަމީމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *