ޢިލްމީ ދިރާސާ ކުރަން ލޯބިކުރާ މުޖުތަމަޢެއް ބިނާކުރަން މަސައްކަތް ކުރާނަން: ރައީސް

ޢިލްމީ ދިރާސާ ކުރަން ލޯބިކުރާ މުޖުތަމަޢެއް ބިނާކުރަން މަސައްކަތް ކުރާނަން: ރައީސް

ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024″ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގައި ތަޢުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި އާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މިމަގަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ތަރައްޤީގެ މޮޑެލް މި މުޖުތަމަޢަށް ފެތޭތޯ ބެލުމާއި މުސްތަޤުބަލުގެ ތަސައްވުރާއި ދިރާސާ ކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ހަމަ އެހެންމެ ދިރާސާ ކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ބިނާ ކުރުމަށް ޤައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވަނީ މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް ދެއްވާ އިސްކަން ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދިރާސާ ކުރުން ކުރިއެރުވުމާއި އެކަމަށް އެއްބާރުލުން ދިނުމާއި އަދި ސުވާލު ކުރުމަށާއި ޢިލްމު ހޯދުމަށާއި ޤައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތް ތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެކުގައި މަސައްކަތްކޮށް، ބަދަލު ވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީ ގޮތެއްގައި ފާގަތި ކަމާއެކު ކުރިއަރައި ދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅިވިއެވެ.

މިއީ ޤައުމީ ޔުނިވަރސިޓީން އިންތިޒާމު ކޮށްގެން ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާ 7 ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށް ދަނީ މި އޮގަސްޓް މަގުގެ 19އިން 20 އަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ "ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *