ކޯޓު އަމުރަކާ ނުލައި ބޭންކް އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ހުށަހަޅައިފި

ކޯޓު އަމުރަކާ ނުލައި ބޭންކް އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ހުށަހަޅައިފި

ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، ކޯޓު އަމުރަކާ ނުލައިވެސް ބޭންކު އެކައުންޓްތައް ހިފޭއްޓުމުގެ ބާރު ފުލުހުންނަށް ދޭން ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅާފައި ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައެވެ. ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ބިލުން އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމާއި ބެހޭ ގޮތުން އޮތް، 73 ވަނަ މާއްދާއަށެވެ.

ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ، މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓާރ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުން ތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް، ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެ ކަމަށެވެ.

އެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ނެރޭ މޮނިޓާ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުން ތަކުން ޖިނާއީ ބޮޑު ކުށެއް، ނުވަތަ މަކަރާއި ހީލަތުން، ނުވަތަ ސްކޭމް އަކުން އެކައުންޓްގެ ވެރިފަރާތައް އޮޅުވާލައިގެން ފައިސާ ނަގަމުން ދާކަން ފާހަގަ ވާނަމަ، އަދި އެކަމަށް ބާރުދޭ އެކަށީގެންވާ ސަބަބު ތަކެއް ހުރިނަމަ، އެ އެކައުންޓްގައިވާ ފައިސާ އާއި ކުށް ކުރުމަށް ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެ ކަމަށެވެ.

އެގޮތަށް ކޯޓު އަމުރަކަށް އެދޭ ހާލަތުގައި، ކޯޓު އަމުރާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި، އެކައުންޓްގެ ވެރިފަރާތް، ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރައްކާތެރި ކުރުމުގެ ގޮތުން، އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަަށް، ނުވަތަ ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް، ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތަށް ނެރެވިދާނެ ކަމަށް ބިލުގައި ވަނި ހިމަނައިފައެވެ.

އެގޮތަށް އެކައުންޓް ހުއްޓުވުމުގެ އަމުރެއް ނެރެން ވާނީ، ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށީގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަަށާއި، އެކައުންޓް ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓް ހުޅުވާފައިވާ ބޭންކު، ނުވަތަ އިދާރާއަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ ސްކޭމްގެ މައްސަލަ ތަކުގައި ބޭންކު އެކައުންޓް ތަކުގައި ދައުރުވާ ފައިސާ، ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީގައި އެދިފައިވުމެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އެކުލެވިފައިވާ ގޮތަށް ބަލާއިރު، ކުށް ކުރާ ކަމަށް ތުހުމަތު ކުރެވިގެން އެކަމުގައި ބައިވެރިވާ ފަރާތްތަކުގެ އެކައުންޓް ތަކުގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދުމުގެ ފުރުސަތު ގާނޫނުގައި އޮތް ނަމަވެސް، ކުށް ކުރުމަށް ބޭނުންކުރާ ތިން ވަނަ ފަރާތުގެ އެކައުންޓްގައިވާ ފައިސާ ހިފޭއްޓުމުގެ ފުރުސަތު ނޯންނަ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މައިޔަމް ރަޝީދާ ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ ތަކުގައި ވިދާާޅުވެފައެވެ.

އެހެން ކަމުން މިކަމަކީ ސްކޭމްގެ މައްސަލަަ ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބްސިކުއެންޓް އެކައުންޓް ތަކުގައި ފައިސާ ހޯލްޑް ކުރެވޭނެ، ނުވަތަ ހިފޭއްޓޭނެ މެކެނިޒަމެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ފޯރުކޮށްދިނުން ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

މި އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށް ބިލްގައި ބުނެފައި ވަނީ، ސްކޭމްގެ މައްސަލަ އާއްމު ވަމުންދާ ނިސްބަތަށް ބަލާއިރު، އެކަމަކީ ރައްޔިތުންނަށް ގިނަ ގެއްލުން ތަކެއް ލިބެމުންދާ ކަމަަކަށްވުމާއި، ސްކޭމްގެ މައްސަލަ ތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް ފުރުސަތު ފަހިކޮށް ދިނުމަށާއި، އަދި އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި ސްކޭމްގެ ކުށް ހިންގުމުގައި ހިމެނޭ އެކައުންޓް ތަކުގައިވާ ފައިސާ ވަގުތީ ގޮތުން ހިފަހައްޓައި އޭގެ އަސްލު އޮޅުވާލިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ފުލުހުންގެ ފަރާތުން އެދޭފަދަ ގާނޫނީ ހައްލެއް ހޯދައިދިނުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *