ގެއެއްގެ ފާރު ތަޅާލުމުން ތަޅާލި ފާރު އަލުން ރޭނުމަށް ސިޓީ ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއްކޮށްފި

ގެއެއްގެ ފާރު ތަޅާލުމުން ތަޅާލި ފާރު އަލުން ރޭނުމަށް ސިޓީ ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއްކޮށްފި

މާލޭގެ ގެއެއްގައި މީހުން ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ޖެހިގެން ހުރި ގެއެއްގެ ފާރު ތަޅާލާފައިވުމުން، އެ ތަޅާލި ފާރު އަލުން ރޭނުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ކޮށްފި އެވެ.

ހ. ހުދުފިނިފެންމާގޭގެ ފާރެއް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސިޓީ ކައުންސިލުން ތަޅާލީ އެ ގެއާ އިންވެގެން ހުރި ގޭގެ މީހުންނަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ސިޓީ ކައުންސިލްގެ ހުއްދައާ އެކު، އެ ތަނުގައި ހުރި އެހެން ގެއެއްގެ ބަޔަކު ފާރެއް ރޭނުމާ ގުޅިގެންނެވެ. ސިޓީ ކައުންސިލްގެ ހުއްދައާ އެކު، ފާރު ރާނާފައިވަނީ އެ ތަނުގައި އޮންނަ ގޯޅިއެއްގަ އެވެ. ނަމަވެސް އެ ފާރު ރޭނުމާއެކު، ހުދުފިނިފެންމާގޭއާ އިންވެގެން ތިބި ގޭގެ މީހުން ގޭގެ ތެރޭގައި ތާށިވެފައިވާތީ ކައުންސިލުން ނިންމީ ހުދުފިނިފެންމާގޭގެ ފާރު ތަޅާލުމަށެވެ. އެހެންވެ ފުލުހުންގެ އެހީތެރިކަމާއެކު ސިޓީ ކައުންސިލުން ވަނީ އެ ފާރު ތަޅާލައިފަ އެވެ.

ފާރު ތަޅާލި މައްސަލައިގައި ހުދުފިނިފެންމާގޭގެ ވެރިޔާ ހަސަން ޝާކިރު ވަނީ ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ޝާކިރު ބުނީ ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގޭގައި ތިބި މީހުން ވަދެ ނުކުމެވޭނެ ގޮތެއް ނޯންނާނެކަން ސިޓީ ކައުންސިލަށް އެނގި ތިބެ ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ގޯޅީގައި ފާރެއް ރޭނުމުގެ ހުއްދަ ދިނުމަށް ފަހު، ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލަން ސިޓީ ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ޝާކިރު ވަނީ އެ މައްސަލަ ނިމެންދެން، ކުރިން އޮތްގޮތަށް އެތަން ބޭއްވުމުގެ އަމުރަކަށް ވެސް އެދިފަ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދުކުރި އަމުރުގައި ބުނީ މައްސަލަ ނިމެންދެން، ފާރު ރޭނުމުގެ ކުރިން ހާލަތު އޮތްގޮތް ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ. އެހެންވެ ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގޭގެ މީހުން ކުރިން ވަދެ ނުކުމެ ހަދަމުންދިޔަ ގޮތަށް ގޯޅި ތެރެއިން އެކަން ކުރެވޭނެ އިންތިޒާމެއް 48 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށާއި ހުދުފިނިފެންމާގޭ ފާރު ތަޅާލުމުގެ ކުރިން އެތަން އޮތް ހާލަތުގައި ބޭއްވުމަށް ފަހު، އެ ތަނުން ކައުންސިލްގެ މުވައްޒަފުން ނުކުތުމަށް އެ އަމުރުގައި ސިވިލް ކޯޓުން ބުންޏެވެ.

އަދި އެ މައްސަލަ ނިމެންދެން އެ އިމާރާތާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް އަމުރުކުރި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *