ތަރައްގީވަމުން އަންނަ ގައުމު ތަކުގެ ގާނޫނު ހަދާ މަޖިލިސް ތަކުގެ މެދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ ރައީސް ފުރާވަޑައިގެންނެވީ "2024 އިންޓަރ ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސް"ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. މިބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ 18 އިން 23 އަށެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް ވަޑައިގެންނެވިއެވެ.
ހަ ދުވަހުގެ މުއްދަތަކަށް ޗައިނާގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ އިންޓަރ ޕާލަމެންޓަރީ ޔޫނިއަންއާއި ޗައިނާގެ ޤާނޫނު ހަދާ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އދ.ން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ގާނޫނު ހަދާ މަޖިލިސްތަކަށް އަދާކުރެވޭނެ ދައުރާ ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.