ރިސޯޓު ތަކުގެ މުއްދަތު އިތުރު ކުރަން، ކުޑައަގު ދައްކަން އިތުރަށް ފުރުސަތުދޭ ބިލު ފާސްކޮށްފި

ރިސޯޓު ތަކުގެ މުއްދަތު އިތުރު ކުރަން، ކުޑައަގު ދައްކަން އިތުރަށް ފުރުސަތުދޭ ބިލު ފާސްކޮށްފި

ރިސޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރަން ދޭ މުއްދަތު 2 އަހަރުން 6 މަހަށް ކުރުކޮށް، ކުޑަ އަގު ދައްކައިގެން މުއްދަތު އިތުރު ކުރެވޭ ގޮތް ހަދަން ޓޫރިޒަމާ ބެހޭ ޤާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މުޅި މަޖިލީހުގެ ކޮމެޓީން ފާސް ކޮށްފިއެވެ.

މަޖިލީހުގައި މި ބިލްގެ ބަހުސް ފެށީވެސް މިއަދުއެވެ.

މި ބިލް މަޖިލީހަށް މިއަދު ބަލައިގެންފިނަމަ މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދަވާނެ ކަމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވަނީ ވިދާޅުވެފައެވެ. މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، ދަނގެތީ ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދެވެ.

ޖަލްސާގެ ފުރަތަމަ ދަންފަޅި 10:30 ގައި ނިންމަވައިލެއްވިއިރު ބިލްގެ ބަހުސްގައި 12 މެނަބަރުން ވާހަކަ ދައްކަވައި ނިންމަވައިލެއްވިއެވެ. އެހެން ކަމުން 11:00ގައި ޖަލްސާގެ ދެވަނަ ދަންފަޅި ފައްޓަވައި މަޖިލީހަށް ބިލް ބަލައިގަތުމަށް ވޯޓަށް އައްސަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން ދެވަން ދަންފަޅި ފެއްޓެވުމަށްފަހު ބިލް ބަލައިގަންނަން އެހި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 75 މެންބަރުންގެ އިއްތިފާހުން ބިލް މަޖިލީހަށް ބަލައިގަތެވެ.

އެއަށްފަހު މަޖިލިސް ޖަލްސާ މުޅި މަޖިލީހުގެ ކޮމެޓީއަށް ބަދަލު ކުރައްވައި ކޮމިޓީގައި ބިލްގެ ބަހުސް ފެއްޓެވިއެވެ. މުޅި މަޖިލީހުގެ ކޮމެޓީގެ މުގައްރިރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ރައީސް، އެ ބިލަށް އިސްލާހު ހުށަހެޅުމަށާއި ބަހުސް ކުރުމަށް ހުޅުވައިލެއްވިއެވެ.

ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ވަރަށް ފުޅާ ދާއިރާއެއްގައި މަޖިލީހުގައި ބިލަށް ބަހުސް ކުރެވިފައިވާ ކަމަށެވެ. އަދި އެ ބިލްގައިވާ އިސްލާހު ތަކަކީ ހުރިހާ މެންބަރުން އިއްތިފާގުވާ އިސްލާހު ތަކެއް ކަމަށްވާތީ، އިތުރު އިސްލާހަކާ ނުލައި ބިލް އޮތް ގޮތަށް ކޮމެޓީން ފާސް ކުރަން އޭނާ ހުށަހެޅުއްވިއެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

ނަމަވެސް މިއަދު މަޖިލީހަށް ހުށަހަޅައި، ބިލް ބަލައިގަނެ، އަދި މުޅީ މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް އެ ކޮމެޓީން ބިލް އޮތް ގޮތަށް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވަން ފާސް ކުރުމުން، އެހާ އަވަސް ގޮތެއްގައި ބިލްގެ މަސައްކަތް ގެންދާތީ އިދިކޮޅު އެމްޑީޕީގެ މެންބަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވަގުތު މުޅި މަޖިލީހުގެ ކޮމެޓީގެ މުގައްރިރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ރައީސާ ސުވާލު ކުރެއްވިއެވެ.

ވަރަށް އަވަސް ގޮތަކަށް ބިލް ނިމިގެން ދާތަން ފެންނަކަން ފާހަގަ ކުރައްވައި ނާޒިލް ސުވާލު ކުރެއްވީ އެކަމުގެ މަގުސަދު އޮޅުން ފިލުވުމަށެވެ.

"ވަރަށް އަވަސް ގޮތަކަށް ބިލް ނިމިގެން ދާތަން މިފެންނަނީ، މި ހަމަ މިވަގުތަށް މިކަން ކުރަން އެންމެ ރަނގަޅު ގޮތްތޯ، މީގެ މަގުސަދަކީ، ހާސިލް ކުރެވޭނެ ކަމަކީ ކޮބައިތޯ، މިކަމުން މުޅި ގައުމަށާއި މުސްތަގުބަލަށް ކުރާނެ ފައިދާއަކީ ކޮބައިތޯ ޗެއާ ވިދާޅުވެދެއްވަ ފާނަންތޯ،" ނާޒިމް ސުވާލު ކުރެއްވިއެވެ.

އެ ސުވާލާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ކޮމެޓީ މަސައްކަތް އޮތީ ފެށިފައި ކަމަށާއި، އޭރު ބިލަށް މެންބަރުންގެ ހިޔާޅުފުޅުތައް ހުށަހަޅުއްވަމުން ގެންދަވަނީ ކަމަށެވެ. އަދި ރިޔާސަތުން މުގައްރިރުގެ ހައިސިއްޔަތުން، ނާޒިލްގެ ސުވާލަށް ޖަވާބުދޭންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު މުޅި މަޖިލީހުގެ ކޮމެޓީން ބިލް ފާސް ކުރަން ވޯޓަށް އެއްސެވިއެވެ. ކޮމެޓީން ބިލް ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 76 މެންބަރުންގެ އިއްތިފާގުންނެވެ. އެހިސާބުން ކޮމެޓީ ނިންމަވައިލެއްވިއެވެ.

 

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ ފަރާތެއްގެ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ، އެތަން ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރު ކޮށްދެވޭނެއެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާ ނަމަ، އެ ފައިސާ ދައްކައި ހަލާސް ކޮށްފައިވުމެވެ. ނަމަވެސް އޭގެތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާއެއް ނުހިމެނޭނެ އެވެ.

އޭގެ އިތުރުން އެ ގާނޫނަށް 27 ޑިސެމްބަރު 2022 ގައި ގެނައި 10 ވަނަ އިސްލާހަށް އަމަލު ކުރަން ފެށި ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 5 މިލިއަން ޑޮލަރު، އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރު ކުރަން ހުށަހަޅާއިރު ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބިލުގައި ބުނަނީ، ގާނޫނަށް ގެންނަ އެ އިސްލާހަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 6 މަސް ދުވަސް ފާއިތުވުމަށް ފަހު މުއްދަތު އިތުރު ކުރުމުގެ ފީ ދައްކާ ނަމަ، 10 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށެވެ.

5 މިލިއަން ޑޮލަރުގެ ފީ ދައްކައިގެން ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރަން ލިބޭ ފުރުސަތު އަންނަ ޑިސެމްބަރަށް ހަމަވާއިރު، ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސް ވެއްޖެ ނަމަ، 10 މިލިއަން ޑޮލަރުގެ ބަދަލުގައި ދައްކަން ޖެހޭނީ ފަސް މިލިއަން ޑޮލަރުގެ ފީއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *