މޮރޮކޯގެ ރަބާތު ސިޓީގައި ދިރިއުޅެމުން އަންނަ މިހާރު އުމުރުން 72 އަހަރުގެ މުހައްމަދު އަޒީޒުގެ ވާހަކަ މުޅިން ތަފާތެވެ. އޭނާގެ މާޒީ އާއި މިހާރުގެ ދިރިއުޅުންވެސް ހަމަ މުޅިން ތަފާތެވެ. އަޒީޒަކީ ފަގީރު ޙާލަތުގައިވެސް އަދި މިއަދު ތަނަވަސްކަން ލިބުނުއިރުވެސް އެހެން މީހުންނާ މުޅިން ތަފާތު ގޮތަކަށް ދިރިއުޅެމުން އަންނަ މީހެކެވެ.
އަޒީޒުގެ އުމުރުން އެންމެ ހަ އަހަރުގައި ބައްޕަ ނިޔާވެ އޭނާ ޔަތީމު ވެއްޖެއެވެ. އެއާއެކު ދެން ކުރިމަތިވީ އަތްމަތި ދަތި، ފަގީރު ދިރިއުޅުމެކެވެ. ސްކޫލަށް ދިޔުން ހުއްޓާލަން ޖެހުނެވެ. ހައިސްކޫލް ނިންމާލާނެ ވަރުވެސް ނުވިއެވެ. ކިޔަވާ ހިތްވިޔަސް، ސްކޫލަށް ގެންދާ ފޮތް ބައި ގަންނާނެ ފައިސާއެއް ނެތެވެ. އޭނާއަށް ގަނެވޭވަރަށް ވުރެ ފޮތް ބައިގެ އަގު ބޮޑެވެ. ނަމަވެސް އޭނާގެ ހިތުގައި ތައުލީމަށް އޮތް ލޯބި ހަމަ އެއޮތް ގޮތުގައި އޮތެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ.
އަޒީޒަކީ އަދަބިއްޔާތަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. އަދި އޭނާ ހިތް އެ މައްޗަށް ލޯބި ޖެހިފައިވާ އެކައްޗަކީ ފޮތެވެ. ކިޔެވުން ހުއްޓާލަން ޖެހުނު ނަމަވެސް ދެން އޭނާ އަޒުމް ކަނޑައެޅީ މުޅިން ތަފާތު ކޮށެވެ. ފޮތް ގަންނާނެ ފައިސާ ނެތިގެން ކިޔެވުން ހުއްޓާލަން ޖެހުމުން ދެން އޭނާ ނިންމީ، ކޮންމެވެސް ގޮތަކުން ފޮތެއް ހޯދައިގެން އެ ފޮތް ވިއްކާލާށެވެ. ފޮތް ގަނެގެން ކިޔަވަން ފުރުޞަތު ނުލިބުނަސް، ފޮތް ވިއްކައިގެން އެހެން މީހުންނަށް ކިޔެވޭނެ ގޮތް ހޯދައިދޭށެވެ. އަދި އެ ފޮތް ތަކުން އޭނާއަށްވެސް އިލްމްގެ މިންވަރެއް ޙާސިލް ކުރުމުގެ އަޒުމުގައެވެ.
1963 ވަނަ އަހަރުން ދުވަހެއްގައި، މޮރޮކޯގެ ރަބާތު އަވަށުގައި ހުރި ބޮޑު ގަހެއްގެ ދޮށުގައި ބާވެފައިވާ ކާޕެޓެއް އަޅައިގެން އޭނާ އިށީނީ ފޮތް ވިއްކާށެވެ. ކާޕެޓް މަތީގައި ވިއްކަން ބާއްވާފައި އޮތީ އެންމެ 9 ފޮތެވެ. އެ 9 ފޮތް ހިފައިގެން އެދުވަހު އަޒީޒު އިށީނީ މިއަދު އޭނާ އެ ހުރިހިސާބަށް އައުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އެ ދުވަހު އެންމެ 9 ފޮތް ހިފައިގެން ކާޕެޓެއްގެ މަތީގައި ޖައްސާލައިގެން އެ 9 ފޮތް އޭނާ ވިއްކާލުމަށްފަހު، ދެން ފަހަތަކަށް ނުބަލައެެވެ. އެ 9 ފޮތް ވިއްކައިގެން ލިބުނު ފައިސާކޮޅުން އަނެއްކާވެސް އިތުރަށް ފޮތްކޮޅެއް ގަނެގެން، އެއްދުވަހުން އަނެއް ދުވަހަށް ފޮތް ވިއްކުމުގެ ވިޔަފާރި ފުޅާ ކުރަމުން ދިޔައެވެ.
މިއަދު އުމުރުން 72 އަހަރުވީއިރު އަޒީޒަކީ މޮރޮކޯގައި އެންމެ ބޮޑު އެއް ފޮތް ފިހާރައިގެ އޯނަރެވެ. މިއަދު އޭނާގެ ބުކްޝޮޕުން ހުރިހާ ބާވަތެއްގެ ފޮތް ލިބެއެވެ. ކިޔަވާކުދިންގެ އެތައްހާސް ފޮތް ބައެއް މިއަދު އޭނާ އެދަނީ އެހެން ކުދިންނަށް ވިއްކަމުންނެވެ. އޭނާގެ ބުކްޝޮޕް މިއަދު އެއޮތީ ފޮތުން ބާރާކޮށްލާފައެވެ.
ފޮތް ފިހާރަ ތަނަވަސް ތަނަކަށް މިއަދުވީއިރު، އެދުވަހު ފޮތް ނުގަނެވިގެން އެކަށީގެންވާ މައުލޫމާތުގެ ޚަޒާނާއަކަށް ނުވިޔަސް، މިއަދު އަޒީޒަކީ މައުލޫމާތުގެ ޚަޒާނާއެކެވެ. އޭނާގެ ހިތަކީ އިލްމީ ބަގީޗާއެކެވެ. އިލްމްގެ ފުންކަނޑެކެވެ. މިހާތަނަށް އަޒީޒު ވަނީ 4000 ފޮތް ކިޔާފައެވެ. އޭނާގެ މައިގަނޑު ކަމަކީ ފޮތް ވިއްކުމާއި ފޮތް ކިޔުމެވެ. ހުސްގަޑިއެއް ކިރިޔާ ލިބުނަސް އަޒީޒު އަބަދުވެސް އިންނަނީ ފޮތެއް ކިޔާށެވެ.
ފޮތް ފިހާރައިގެ ތެރޭގައި އިނދެ ފޮތް ވިއްކަމުންދާއިރު، އޭނާ ކޮންމެ ދުވަހަކުވެސް ހަޔެއްކަ ގަޑިއިރު ފޮތް ކިޔުމުގައި ހޭދަކުރެއެވެ. ފޮތް ނުކިޔާ ވަގުތަކީ ނިދާ ގަޑި އާއި ކާގަޑީގެ އިތުރުން ނަމާދު ވަގުތާއި ދުންފަތުގެ އިސްތިއުމާލު ކުރަން ހުސްކޮށްލާ ވަގުތުކޮޅު އެކަންޏެވެ. އެހެން ހުރިހާ ވަގުތަކު އޭނާ އިންނަނީ ފޮތްތަކުގެ ތެރޭގައެވެ. ފޮތް ވިއްކުމާއި ކިޔުމުގައެވެ.
އޭނާގެ ބުކްޝޮޕުން ހުރިހާ ބަހެއްގެ ފޮތްވެސް ލިބެން ހުރެއެވެ. އަރަބި، ފްރެންޗް، އިނގިރޭސި އަދި ސްޕެނިޝް ފޮތްތަކާއި އެނޫންވެސް ފޮތް ތަކެވެ. މިހާރު އަޒީޒަކީ މޮރޮކޯގެ ރަބާތު އަވަށުގައި މެދުނުކެނޑި ފޮތް ވިއްކުމުގައި އެންމެގިނަ ދުވަހު ދެމިހުރި އެކަކެވެ. އަނެއްކޮޅުން އެއްތަނެއްގައި 43 އަހަރު އޭނާ ފޮތް ވިއްކުމުގައި ދެމިހުރި މީހާއެވެ.
އަޒީޒުގެ ފޮތް ފިހާރައަކީވެސް މުޅިން ތަފާތު ފޮތް ފިހާރައެކެވެ. ފޮތް ވަގަށް ނަގައިގެން މީހުންނަށް ދެވޭނެ ކަހަލަ ގޮތަކަށް ފިހާރައިން ބޭރުގައިވެސް ފޮތްތައް އަތުރާފައި ހުންނާތީ މީހަކު ސުވާލު ކުރިއެވެ. އެގޮތަށް ފޮތްތައް ފިހާރައިގެން ބޭރުގައި އަތުރާފައި ހުއްޓާ ވަގުން އައިސް ފޮތް ވަގަށް ނަގައިގެން ނުދާނެ ހެއްޔެވެ.
އަޒީޒުގެ ޖަވާބު ވަރަށް ތަފާތެވެ. އަޒީޒު ބުނީ ފޮތް ކިޔަން ނޭނގޭ މީހަކު ފޮތް ވަގަށް ނުނަގާނެ ކަމަށެވެ. އަދި ފޮތް ކިޔަން އެނގޭ މީހުންނަކީ ވަގުން ނޫން ކަމަށެވެ.
ތުއްތުއިރުގެ ފަގީރު ޙާލަތުން މިއަދު ފޮތުގެ ދުނިޔެއިން ތަނަވަސްކަން ލިބިފައި ވިޔަސް، އަޒީޒަކީ އަދިވެސް ވަރަށް އާންމު ދިރިއުޅުމަކަށް ލޯބިކުރާ، ވަރަށް ސާދާ މީހެކެވެ. އޭނާ މިއަދުވެސް އަގުބޮޑު ހަދިޔާ ތަކެއް ބޭނުމެއް ނޫނެވެ. މީހަކު ހަދިޔާއެއް އޭނާއަށް ދޭން ބޭނުން ވިޔަސް، އޭނާ ބޭނުންވާ ހަދިޔާއަކީ ހަމައެކަނި ފޮތެކެވެ.
މީހަކު ސުވާލު ކުރިއެވެ. އުފަން ދުވަހުގެ ހަދިޔާއަކަށް އަޒީޒު ބޭނުމީ ކޮންއެއްޗެއް ހެއްޔެވެ. އޭނާ ދިނީ ސިއްސައިގެންދާ ވަރުގެ ޖަވާބެކެވެ.
"އަހަރެންގެ އުފަން ދުވަހުގެ އުފާ ހޯދުމަށް ބޭނުން ވަނީ ދެ ބާލީހާއި ފޮތެއް" އަޒީޒު ބުންޏެވެ.