ގާޒާގެ ސްކޫލަކަށް ދިން ހަމަލާ ކުށްވެރި ކުރައްވައި، އިޒްރޭލު ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖުތަމައު މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އިޒްރޭލުގެ ހަމަލާ ތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ދޭ ދީނީ ސްކޫލެއް ކަމަށްވާ އަލް ތާބިން ސްކޫލްގައި އިއްޔެ ފަތިސް ނަމާދަށް މީހުން ތިއްބައި ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.
އެކަން ކުށްވެރިކުރައްވައި ރައީސް ޑރ. މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަމަލާގެ ސަބަބުން ޝަހީދުވެ، އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ތަހައްމަލު ކުރާ ބިރުވެރި މަންޒަރުތައް ފެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް 39،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި އެ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށެވެ.
"މިއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ކަނޑައެޅިގެން ހިލާފު އަމަލެއް. އިޒްރޭލު ޖަވާބުދާރީ ކުރުވައި ފަލަސްތީނުގެ އާންމުން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
އަލް ޖަޒީރާ އިން އިއްޔެ ބުނި ގޮތުގައި ވައިގެ މަގުން އިއްޔެ ފަތިހު ދިން އެ ހަމަލާ ސްކޫލަށް އަމާޒުވީ ފަތިސް ނަމާދު ކުރަމުންދިޔަ ވަގުތާ ކަމަށާއި އެ ހަމަލާގައި ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފަރުވާ ދެމުން ދަނިކޮށް ވެސް މަރުވެފައިވާ ކަމަށެވެ.
އިޒްރޭލުން ބުނީ ހަމަލާދިނީ މި ސްކޫލްގައި ހަމާސް އާއި އިސްލާމިކް ޖިހާދާއި އެހެން ބައެއް ޖަމާއަތްތަކުގެ މީހުން އުޅޭތީ ކަމަށެވެ. އަދި އެ މީހުން އެތަނުގައި ތިބެގެން އިޒްރޭލަށް ހަމަލާ ދިނުމުގައި ބައިވެރިވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިސް ކޮމާންޑަރުންތަކެއް ވެސް ހިމެނޭ ކަމަށް އިޒްރޭލުން ބުނެއެވެ.
ފަލަސްތީނުގެ ގާޒާގައި ހުންނަ ތާބިން ސްކޫލަށް އިޒްރޭލުން ދިން ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ އެތައް ބަޔަކު ހިޔާވަހިކަން ހޯދައިގެން ތިބި އެ ސްކޫލަށް ހަމަލާދީ މަރާލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގި އަމަލެއް ކަމަށެވެ.
ފަލަސްތީނުގެ މައުސޫމު، ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅުތައް އެޅުމަށް ފޮރިން މިނިސްޓްރީން ވެސް ގޮވާލާފައިވެއެވެ.
ރާއްޖެއިން ފަލަސްތީނަށް ހައްގުތައް ހޯދައިދީ، ދޭން ޖެހޭ އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.