ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސޮއިކުރި އިންޑިޔާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލު ކޮށްފިއެވެ.
ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު އެ އެއްބަސްވުމުގައި ސޮއި ކުރީ 28 މާޗް 2019 ގައެވެ. އެއީ 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެގްރީމެންޓެކެވެ.
މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލު ކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓަ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.
ދިވެހި ސަރުކާރުން މި މަޝްރޫއުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. މި މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ 22 ރަށެއްގައި ފެނުގެ ނިޒާމު ތަރައްގީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެކުއެކީގައި ކުރިއަށް ގެންދިޔަ 4 ރަށެކެވެ.
މި މަޝްރޫއުގެ މަސައްކަތް ތަކުގެ ތެރެއިން ރަށްރަށުގައި ރިވާސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމު ކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެން ފޯރުކޮށް ދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރު ކުރުމާއި އޮފީސް އިމާރާތް ބިނާ ކުރުމާއި ލޮނުފެން ބޭރު ކުރުމަށް މޫދަށް ހޮޅި ބޭރު ކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަ ކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމު ކޮށްފައިވެއެވެ.
މި މަޝްރޫއުތަގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. މި މަޝްރޫއުކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށް ދެވިގެން ދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ހަތް އިންސައްތައެވެ.
އިންޑިޔާގެ އެގްޒިން ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 34 ރަށެއްގައި އެ ހިދުމަތްތައް ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ. މިއަދު މަސައްކަތްނިންމައި ދިވެހި ސަރުކާރާ ހަވާލު ކުރި 28 ރަށުގެ މަޝްރޫއަކީ އޭގެ ތެރޭގައި ހިމެނޭ ބައެއް ރަށްރަށެވެ.
މިއަދު ހަވާލުކުރި ޕްރޮޖެކްޓްތައް ހިންގި ރަށްރަށް:
ހއ. ކެލާގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ށ. ފުނަދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ނ. މަނަދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
އއ. ތޮއްޑޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުން
އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ގާއިމް ކުރުން
ކ. ކާށިދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ވ. ފެލިދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުން
ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުން
ވ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުން
ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުން
ދ. މީދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ފ. ދަރަނބޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުން
ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ލ. މާބައިދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ލ. އިސްދޫ-ކަލައިދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ލ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ލ. ގަމުގައި ފެނުގެ ނިޒާމް ގާއިމް ކުރުން
މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރުން
މ. މުލީގައި ފެނުގެ ނިޒާމް ގާއިމް ކުރުން
މ. މަޑުއްވަރީގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ތ. ހިރިލަންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ގއ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ގއ. ދާންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ގދ. ފަރެސްމާތޮޑާގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ގދ. ހޯޑެއްދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުން
ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ގާއިމް ކުރުން