މީކާއީލްގެ ސިޓީއެއް މަޖިލިސް ރައީސަށް: އިޒްރޭލް ޕާސްޕޯޓު މަނާކުރާ ބިލު ހުއްޓާލި ސަބަބު ސާފުކޮށްދެއްވާ!

މީކާއީލްގެ ސިޓީއެއް މަޖިލިސް ރައީސަށް: އިޒްރޭލް ޕާސްޕޯޓު މަނާކުރާ ބިލު ހުއްޓާލި ސަބަބު ސާފުކޮށްދެއްވާ!

އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނު ދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު އޮޅުން ފިލުވައިދިނުމަށް އެ ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލިސް ރައީސް އަބްދުﷲ އަބްދުއްރަޙީމްގެ  ކިބައިން އެދިއްޖެއެވެ.

މީކާއީލް އެކަމަށް އެދިފައި ވަނީ، މަޖިލިސް ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި މީކާއީލް ވިދާޅުވެފައި ވަނީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް އޭނާ މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހުގެ ސަލާމަތީ ޚީދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ އިއްޔެއަށް 59 ދުވަސް ވެފައިވާ ކަމަށެވެ.

އެހެން ކަމުން މި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާވެސް ނުކުރާ ސަބަބު ސާފު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ، ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ގޮތަށް އެ ބިލް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބިލް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އިއުލާން ކުރެއްވިއެވެ.

މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އަށް ވަނަ މާއްދާގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *