ޕޮންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް ޖަވާބުދާރީ ވުމަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްތެއް މިއަދު ދީފިއެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލައިގެ ދައުވާ ފެށީ ހުސްވި މެއި މަހުގެ 14 ގައެވެ. ނަމަވެސް ދައުވާގެ އަޑު އެހުމެއް މިއަދު ބާއްވާފައި މިވަނީ، އެ ދުވަހުން ފެށިގެން ވަކީލުން އައްޔަން ކުރުމަށް ދައުވާ ލިބޭ ފަރާތްތަކަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައިގައި އަލްހާނު ފަހުމީގެ އިތުރުން އޭނާގެ ދެ ކޮއްކޮ ކަމަށްވާ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރާ ކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި އޮތީ އެ ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާ ހުށަހެޅުމާއި އެ ދައުވާތަކަށް އެ ތިން މީހުންގެ ފަރާތުން ޖަވާބުދިނުމެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް އިން 2021 ވަނަ އަހަރާއި، 2022 ވަނަ އަހަރު، އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖް ތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދު ތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ، ފައިސާ ޓަކައިގެންފައިވާ ކަމަށެވެ.
އެ ދައުވާ ތަކަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ދައުވާ ލިބޭ ތިން މީހުންގެ ދިފާއީ ވަކީލު އަލީ ސައީދު ވިދާޅުވީ، ދައުވާތަކަށް ޖަވާބުދާރީވާން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ މައްސަލަތަކުގެ ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަންވީ މިއަދު ހެނދުނު ކަމަށް ވެފައި، ދައުވާތަކުގައި ސާފު ނުވާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
އެހެން ކަމުން، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ ދިފާއީ ވަކީލު އެދިވަޑައިގެން ފުރުސަތު ދެއްވާފައެވެ.