ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އަރިހުގައި މިހާރު ތިއްބެވި ޑރ. މުހައްމަދު ޖަމީލު އަދި މުހައްމަދު މަލީހު ޖަމާލަކަށްވެސް އޭނާއާ އެއްވަރަށް ސިޔާސީ ކުޅިބައި އަތުރަން ނޭނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައި ދެއްވީ، އޭނާއާ އޭނާގެ ޓީމުން ކަމަށާއި ރައީސް ޔާމީން އޮންނެވީ ޖަލުގައި ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ޖަމީލަކަށްވެސް، މަލީހަކަށްވެސް، ރައީސް ޔާމީނަކަށްވެސް، ސިޔާސީ ކުޅިބައި އަޅުގަނޑާ އެއްވަރަށް އަތުރާކަށް ނޭނގޭނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިހާރު ކިތަންމެ ބޮޑަށް އޭނާއަށް ޔާމީން ފާޑުވިދާޅުވި ނަމަވެސް، ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމް/ޕީއެންސީ ހިންގޭނެ މީހަކީ އޭނާ ކަމަށް ރައީސް ޔާމީން ޖަލްސާއެއްގައި ވިދާޅުވެފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީނަށް މި ސަރުކާރު ކަމުނުގޮސް ރައީސް މުއިއްޒުއާ ހިތްހަމަޖެހިވަޑައިނުގަތީ ރައީސްގެ މައްޗަށް އެހެން މީހެއްގެ ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވުމުންނާއި އެހެން މީހަކު ވެރިކަން ކުރާތަން ބަލަން ޔާމީނަށް ކެތް ނުވާތީ ކަމަށެވެ.
"އެ ރޭ (ރައްޔިތުންނަށް ޝުކުރު އަދާކުރަން ސޯޝަލް ސެންޓަރުގައި ޖަލްސާ ބޭއްވި ރޭ) ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތިމަންނަގެ މައްޗަށް އެހެން އެއްވެސް މީހެއްގެ ބާރެއް ނުހިނގާނެއޭ، ތިމަންނަގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރޭ. އެއީ މައިގަނޑު ސަބަބަކީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ، އޭނާއަށް އަމާޒުކޮށް ޔާމީން ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް ބަލަން ކޮމިޓީއެއް ހެދުމަށް ރައީސް މުއިއްޒަށް ގޮވާލައްވައިފައެވެ. އަދި އެ ކޮމިޓީގެ ޗެއާއަކަށް ރައީސް ޔާމީން ލައި، ޖަވާބުދާރީ ވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.