ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯގެ މަގާމަށް މުޙައްމަދު ނިމާލް، އައްޔަން ކުރައްވައިފިއެވެ.
ނިމާލް މި މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.
ނިމާލް ކުރިން ހުންނެވީ މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މާގާމުގައެވެ. އެ މަގާމުގައި ހުންނެވިއިރު އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑުގައި އިންނަވާ މެންބަރުގެ މަގާމުވެސް ނިމާލް އަދާކުރެއްވިއެވެ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.
2012 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމު އެންމެ ފުރަތަމަ އަދާކޮށްފައި ވަނީވެސް ނިމާލެވެ. އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ނިމާލް ވަނީ އަދާކުރައްވާފައެވެ.
ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.
އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަން ކުރެއްވުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ނިމާލަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.