އާއިލީ ކަމެއް ކުއްލި އަކަށް ދިމާވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންނެވުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް ލިބުނު ފަރާތް ތަކަށް އެ ތަންތަން ހަވާލު ކުރުމާއި ގުޅޭ ގޮތުން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ މިއަދު ސުވާލެއް ނުކުރެވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި އާއިލީ ކަމެއް ދިމާވެވަޑައިގެން ޖަލްސާއަށް ވަޑައިގެންނެވެން ނެތް ކަމަށް މިނިސްޓަރު އަލީ ހައިދަރު މިއަދު މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އެހެން ކަމުން މިނިސްޓަރާ މިއަދު ކުރަން އޮތް ސުވާލު ކުރުން، ދެން އެންމެ އަވަހަކަށް ބާއްވާ މަޖިލިސް ޖަލްސާއަކަށް އެޖެންޑާ ކުރައްވާނެ ކަމަށްވެސް މަޖިިލިސް ރައީސް ވިދާޅުވިއެވެ.
ގޯތި ތަކާއި ފްލެޓްތަކާ ބެހޭގޮތުން ސުވާލު ކުރެއްވުމަށް މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރު ކޮށްދޭން އެދިފައި ވަނީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމެވެ.
އޭނާ ހައިދަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި އޮތީ ގުޅިފަޅުން ބިން ލިބުނު މީހުންނަށް އިން ވަކިކޮށް ބިން ހަވާލު ކުރަން ފެށޭނީ ކޮން ދުވަހަކުންތޯ އާއި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ދީފައިވާ ގޯތިތައް ވެރިފަރާތްތަކާ ހަވާލު ކުރެވޭނީ ކިހާ ތާކުތޯ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ހަވާލު ކުރެވޭނީ ކޮންއިރަކުންތޯ އޮޅުން ފިލުވުމަށެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިދިޔަ ހަފުތާގައި މައުލޫމާތު ދެއްވަމުން ހައިދަރު ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓް އިމާރާތް ތަކުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ނިމޭނެ ކަމަށާއި އެހާތަނަށް ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އިއުލާން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.