އެކިއެކި ކަންކަމަށް އެލާޖިކްވުމާއި، ބަޔެއް ފަހަރު ރޯގާ ޖެހުމުން އާންމުކޮށް ބޭނުން ކުރަމުން އަންނަ ބޭހެއް ކަމަށްވާ "އެލެގްރާ" ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާ ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާ ކުރަން ޖެހުނީ އެލެގްރާގެ ތިން ބެޗަކުން ކޮލިޓީ މައްސަލަ ތަކެއް އައުމާއި ގުޅިގެން ކަމަށެވެ. އެކަން އެލެގްރާ ބޭސް އުފައްދާ ކުންފުނިންވެސް އެލާޓް ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ ކޮލިޓީގެ މައްސަލަ ދިމާވީ އިންޑިޔާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިޔާ ލިމިޓެޑް އިން އުފައްދާފައިވާ، AL1223019, AL1223029 އަދި AL1223060 ބެޗު ތަކުން ކަމަށެވެ. ވީމާ މި ތިން ބެޗު ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން ބުނީ މި ބެޗުތަކުގެ ބޭސް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރި ނަމަވެސް އެކަން އެ އޮތޯރިޓީއަށް އެންގުން އެދޭ ކަމަށެވެ. އެލެގްރާ ބޭހާއި ގުޅޭ މައުލޫމާތު ހޯދުމަށް އެ އޮތޯރިޓީން ވަނީ ހޮޓްލައިން ނަންބަރެއްވެސް އާންމު ކޮށްފައެވެ. އެއީ 7200321 އެވެ.
މީގެކުރިން ޕެނަޑޯލުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތި ވެފައެވެ.