ޕޮލިސް ކަމިޝަނަރ އަލީ ސުޖާއު

ކުޑަވަގުތު ކޮޅަކުން ފައިސާގެ ގިނަ ޓްރާންސެކްޝަންތައް ދާނަމަ، އެކައުންޓް ބްލޮކޮށް ވެރިފައި ކުރެވޭތޯ ބަލަނީ

ކުޑަވަގުތު ކޮޅަކުން ފައިސާގެ ގިނަ ޓްރާންސެކްޝަންތައް ދާނަމަ، އެކައުންޓް ބްލޮކޮށް ވެރިފައި ކުރެވޭތޯ ބަލަނީ

މަކަރާއި ހީލަތުން ބޭންކް އެކައުންޓު ތަކުގެ ފައިސާ ނަގަން ކުރިއަށް ގެންދާ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފުރިހަމަ ވެގެން ދާއިރު، ބޮޑެތި އަދަދު ތަކުން ޓްރާންސެކްޝަން ހަދާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭންކު އެކައުންޓުތައް ބްލޮކްކޮށް، ވެރިފަރާތާ ގުޅައިގެން ވެރިފައި ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ސްކޭމް ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާރ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވީ ސްކޭމް ހުއްޓުވުމަށްޓަކައި، އެންޓި ސްކޭމް ސެންޓަރު ގާއިމުކޮށް އެ ސެންޓަރުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެ ސެންޓަރުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި ގިނަ ކަންތައް ތަކެއް ކުރަން ހުރުމުން އެ ތަނުގެ މަަސައްކަތްތައް ފުރިހަމައަށް ހިނގައިގަތުމަށް އަދި ދުވަސް ކޮޅެއް ނަގާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެގޮތުން ސީޕީ ވިދާޅުވީ އެ ސެންޓަރުގެ މަސައްކަތް މި ހިނގާ މަސް ނިމުމުގެ ކުރިން ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބޭންކުތަކާ ވާހަކަ ދައްކަމުން މިދަނީ ސަސްޕެކްޓެޑް މަލްޓިޕްލް ޓްރާންސެކްޝަން އެންމެ އެކައުންޓަކުން ކުޑަކުޑަ ވަގުތު ކޮޅެއްގައި ދާކަމަށް ވަންޏާ އެ ރިޕޯޓުކޮށް، ބްލޮކް ކުރުމާބެހޭ ކަންތައްތައް ކުރުމަށް،" ސީޕީ ވިދާޅުވިއެވެ.

އެގޮތުން އެންޓި ސްކޭމް ސެންޓަރުގެ މަަސައްކަތް ފުރިހަމަ ވެގެންދާއިރު، އެއް އެކައުންޓުން، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޓްރާންސެކްޝަން ތަކެއް ކުރާނަމަ، އެ އެކައުންޓު ބްލޮކްކޮށް، އެކައުންޓުގެ ވެރިފަރާތާ ގުޅައިގެން އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެއްތޯ، ވެރިފައި ކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުންވެސް ސްކޭމް ހުއްޓުވުމަށް ފުލުހުން އަޅަމުންދާ ގިނަ ފިޔަވަޅު ތަކެއްގެ މައުލޫމާތު ފުލުހުން ވަނީ ކޮމިޓީއާ ހިއްސާ ކޮށްފައެވެ. ފުލުހުން ބުނީ މި އަހަރުގެ ޖުލައި މަހާއި ހަމައަށް ސްކޭމްގެ މައްސަލަ ތަކުގައި 300 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *