އިއްޔެ ސޯޝަލް މީޑިޔާގައި ގިނަބަޔެއްގެ ސަމާލު ކަމަށް އައީ، ކުޅުދުށްފުށީގައި ބިދޭސީ ފިރިހެނަކު، އަންހެނެއްގެ ޓީޝާޓުގައި ހިފައި ދަމައި ހުއްޓުވަމުން ގެންދިޔަ މަންޒަރު ފެންނަ ވީޑިޔޯއެކެވެ. މި ވީޑިޔޯއާއެކު ގިނަ ބަޔަކު ވަނީ ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކަށް އަނިޔާ ކުރުން ކުށްވެރިކޮށް ކޮމެންޓް ކޮށްފައެވެ.
ވީޑިޔޯގައި ބިދޭސީ މީހާ ބުނާ އެއްޗެއް މުޅިން ސާފު ނުވިނަމަވެސް، އެމީހާގެ ފައިސާ ތަކެއް އަންހެން މީހާގެ އަތުގައި ވާކަމަށް ބުނާތީ އަޑު އިވެއެވެ. އަދި "ނައިންހާސް" ރުފިޔާއޭ ބިދޭސީ މީހާ ބުނާ އަޑު އިވެއެވެ. އަންހެން މީހާ އޭނާގެ ސައިކަލަށް އަރަން ދާން އުޅުމުން ބިދޭސީ މީހާ ވަނީ އޭނާގެ ޓީޝާޓުގައި ހިފައި ދަމައި ދިޔަ ނުދީ ހުއްޓުވާފައެވެ. އޭރު ދުރުގައި ބައިސްކަލެއްވެސް ވެއްޓިފައި އޮންނަ މަންޒަރު ވީޑިޔޯއިން ފެނެއެވެ.
ވަރަށް އަސަރާއެކު އޭނާ ބުނަމުން ދިޔައީ އޭނާގެ ފައިސާކޮޅު ދިނުމަށެވެ. އަންހެން މީހާ ސައިކަލަށް އަރައިގެން ނައްޓާލަން އުޅުމުން ބިދޭސީ މީހާ ބުނަނީ ގެޔަށް ނުދެވޭނެ ކަމަށާއި، ގެޔަށް ދެވޭނީ ފައިސާ ދިނުމަށްފަހު ކަމަށެވެ. ނަމަވެސް ފައިސާ އަނބުރާ ދޭތަނެއް ވީޑިޔޯއަކުން ނުފެނެއެވެ. މި ވީޑިޔޯގައި އަންހެން މީހާއަށް ބިދޭސީ މީހާ އަނިޔާ ކުރާ މަންޒަރެއް ނުފެނެއެވެ. އަދި އަންހެން މީހާއަށް އޭނާ އެއްވެސް އަނިޔާއެއް ނުކުރާކަން، މަންޒަރު ބަލަން ތިބި މީހުންނާ ދިމާލަށް ދެ އަތް ހިއްލައި އިޝާރާތުން އޭނާ އަންގައެވެ.
އަންހެން މީހާ ދިފާއުކޮށް، ބިދޭސީ މީހާ ކުށްވެރިކޮށް ގިނަ ބަޔަކު ވާހަކަ ދައްކާފައި ވަނިކޮށް ފުލުހުން ފަހުން ބުނީ އަންހެން މީހާ އުޅުނީ ބިދޭސީ ފިރިހެން މީހާގެ ވޮލެޓު ފޭރިގަނެގެން ދާން ކަމަށެވެ. އެހެންވެ އެ މައްސަލަ މިހާރު ބަލަމުން އަންނައިރު އަންހެން މީހާ ވަނީ ކުޅުދުށްފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހައްޔަރު ކޮށްފައެވެ. ނަމަވެސް ބިދޭސީ މީހާގެ ވޮލެޓާއެކު އަންހެން މީހާ ފޭރިގަތީ ކިހާ ފައިސާއެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.