އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ޕީއެންސީގެ ހަރުގޭގައި ދެއްކުމުން، އެ ހަރުގޭގެ ކުރީ ސަފުން މާޔޫސްކަން ފެނިގެންދާ ކަމަށާއި، ސަރުކާރުގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންނަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިފައިވާ ބޭފުޅުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ޕާޓީން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މި ސަރުކާރަށް ބަލަން ނުކެރޭނެ ކަމަށެވެ. ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ މި ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ގިނަބޭފުޅުން އެ ޚިޔާނާތުގެ ތެރެއަށް ވަދެފައިވާތީ ކަމަށެވެ.
ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލަން މި ސަރުކާރަށް ކެރޭނަމަ، މިނިވަން ކޮމިޝަނެއް އުފައްދަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. ޔާމީން ވިދާޅުވީ އެފަދަ ކޮމިޝަނެއް ހަދާނަމަ ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލް އިންނެވިޔަސް އެންމެ ރަނގަޅު ކަމަށާއި، ނަމަވެސް ދެން ކޮމިޝަނުގައި ތިއްބަވަން ވާނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްނުވާ ބޭފުޅުން ކަމަށެވެ. އަދި އެ ކޮމިޝަނުގައި ގިނަބަޔަކު ޝާމިލު ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވައި ޔާމީން ރޭ އެންމެ ބޮޑު ތުހުމަތެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމްގެ މައްޗަށެވެ.