ކައުންސިލް ތަކުގެ ބައި އިލެކްޝަންތައް އަހަރަކު 2 ފަހަރު ބާއްވާ ގޮތަށް ހަދަނީ

ކައުންސިލް ތަކުގެ ބައި އިލެކްޝަންތައް އަހަރަކު 2 ފަހަރު ބާއްވާ ގޮތަށް ހަދަނީ

ކައުންސިލް ތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.

މިހާރު އޮންނަނީ ކައުންސިލް ތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން ކައިރި ކައިރީގައި ބައި އލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، ކުރަންޖެހޭ މަސައްކަތް އިތުރުވާ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަމުންނެވެ.

އަހަރަކު ދެފަހަރު ބައި އިލެކްޝަންތައް ބާއްވާ ގޮތް ހެދުމަށްޓަކައި، ދެ ޤާނޫނަކަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފައެވެ. އެއީ ލާމަރުކަޒީ ޤާނޫނަށާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށެވެ. އެ ދެ ޤާނޫނުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސްޖަލްސާގައި ވަނީ އިއްވައިފައެވެ.

ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ޝަފީއު ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ، ކައުސިލަރެއްގެ މަގާމު ހުސްވާތާ ދެ މަސް ދުވަހުގެ ތެރޭގައި  އިންތިޚާބު ބާއްވަން ޖެހޭ ގޮތަށް މިހާރު އޮތުމުން، ކައުންސިލް ތަކުގެ އުމުރު ތެރޭގައި މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަށް ބައި އިލެކްޝަންތައް ވަނީ ބާއްވަން ޖެހިފައެވެ.

އެކަމުގެ ސަބަބުން ކުރަންޖެހޭ ޚަރަދުތައް އިތުރުވެފައި ވާތީ، މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި، އެ ޚަރަދުތައް ކުޑަ ކުރުން ހިމެނޭ ެކަމަށްވެސް ބުނެފައިވެއެވެ.  އެ ގޮތުން ބިލުގައި ހިމަނާފައި ވަނީ ކައުންސިލެއްގެ ގޮނޑި ހުސްވާތާ ގިނަވެގެން 183 ދުވަސް ނުވަތަ 6 މަސް ތެރޭ އިންތިޚާބު ބޭއްވުމަށެވެ.

ނަމަވެސް ޤާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި ގިނަ ވެގެން ދެ މަސް ތެރޭ އިންތިޚާބު ބޭއްވުމަށް ބިލުގައި ހިމަނާފައިވެއެވެ.

މިގޮތަށް އިސްލާހު ކުރުމުން، އަހަރަކު ދެ ފަހަރު ބައި އިލެކްޝަންތައް އެކީ އެއްފަހަރާ އިލެކްޝަންސް ކޮމިޝަނަށް ބޭއްވުމުގެ ފުރުސަތު ލިބޭނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނަ އެ އިސްލާހާއި ގުޅިގެން، ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންތަސިމް އިބްރާހިމްއެެވެ. އެ ބަދަލާއެކު ދެ ބައި އިލެކްޝަން ދެމެދު ހޭދަވާން ޖެހޭ އެންމެ ކުރު މުއްދަތެއް މި ބިލްގައި ވަނީ ހިމަނައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *