އާރަށުގެ މައްސަލަ: ޔާމީންގެ މައްޗަށް ހުށަހެޅި ހެކިތައް ބަލައި ނުގަތުމުން ދައުލަތުން ސުޕްރީމް ހިނގައްޖެ

އާރަށުގެ މައްސަލަ: ޔާމީންގެ މައްޗަށް ހުށަހެޅި ހެކިތައް ބަލައި ނުގަތުމުން ދައުލަތުން ސުޕްރީމް ހިނގައްޖެ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކުރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި އާހެކިތައް ހައި ކޯޓުން އެއްފަރާތް ކުރި މައްސަލަ، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގ އަމަލު ތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް 25 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ޔާމީން އާއި، ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ވަނީ ނިންމާފައިވެއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައި ވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫން ކަމަށް ބަޔާންކޮށެވެ.

ޕްރޮސިކިއުއުޓާރ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން މިއަދު ބުނީ އަލުން ބެލުމަށް ތަހުވީލު ކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތަކަށް ވާތީ، އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ކަމަށެވެ.

މި ސަބަބައްޓަކައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، މި ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މިމަހުގެ 24 ވަނަ ދުވަހު ދުވަހު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ، އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާއި ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސް ކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައި ދިނުމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މައްސަލައިގެ އެ ހެކިތަކާ ގުޅޭ ބައި އެކަނި ކަމަށާއި، މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *